English Edition
Dhivehi Edition
ހިތަދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ އޭއޯނިއުސް ނަޒީހާ

އައްޑޫސިޓީ ހިތަދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ބަނދަރު ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހިތަދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ހިތަދޫ އުތުރު ދާއިރާގެ މަޖްލިސް މެންބަރ މުޙައްމަދު އަސްލަމްއާއި، މެދު ދާއިރާގެ މެންބަރ އަޙްމަދު ރަޝީދު އާއި، ދެކުނު ދާއިރާގެ މެންބަރ އިބްރާހިމް ނާޒިލްއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ގެ އިތުރުން އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިގު އެވެ.

ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު އުތުރު ދާއިރާގެ މަޖްލިސް މެންބަރ މުޙައްމަދު އަސްލަމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭނާގެ ވާހަކާގައި ހިތަދޫ ބަނދަރަކީ ދިގު ތާރީޚެއް އޮތް ބަނދަރެއްކަމަށާއި މިހާރުވެސް އެބަނދަރު އޮތް ފަންނަކީ މަސްވެރިންނާއި ދަތުރުވެރިންގެ އިތުރުން ވިޔަފާރި ކަންކަމަށް ޒަމާނުއްސުރެ ބޭނުން ކުރަމުން އައި ތަނަކަށް ވުމުން މަނިކް ފަންނާއި ގުޅުވައިގެން ހިތަދޫ ބަނދަރަށް ނަންދިނުމަކީ އެމަނިކްފާނު އެދިވަޑައި ގަންނަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ހިތަދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށުން/ ފޮޓޯ ނަޒީ އޭއޯނިއުސް

މިރަސްމިއްޔާތުގައި އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސާދިގު ދެއްކެވި ވާހަކާގައި އޭނާވަނީ ބަނދަރުގެ ދަތިކަން ހިތަދޫގެ ރައްޔިތުން ތަޙައްމަލު ކުރަމުން އައި ގޮތާއިމެދު ވާހަކަ ދައްކަވާފައެވެ. މިހާރު އޮތް ބަނދަރަކީ ހިތަދޫ ހިއްކި ސަރަޙައްދު ބަސްތާ ޖަހައިގެން ވަކި ކުރުމަށް ހެދުނު ތަނެއް ކަމަށާއި ރައްޔިތުންނިކުމެ ލާފައިވާ ތޮއްޓެއް އެތަނުގައި އޮތްނަމަވެސް އެތަންވެސް ވީރާނާވެ ހިތަދޫގެ ބޯޓު ފަހަރުތަކާއި މަސްވެރިންނާއި ވަދުދޯނި ތަކުގެ އިތުރުން ސްޕޯޓްސް ފިޝިންއަށް ބޭނުންކުރާ އަގުބޮޑެތި ލޯންޗް ފަހަރުތަކަށް އެކިވަރުގެ ގެއްލުންތަކާ ކުރިމަތިވެ އިންޖީން ހަލާކުވުން ފަދަ ކަންކަން ވަމުން އަންނާތީ މިކަމަކީ އަބަދުވެސް ރައްޔަތުންގެ ޝަކުވާ އިންތިހާއަށް ބޮޑު މައްސަލައެއް ކަން ފާހަގަ ކުރައްވާ މިއަދު ފަށާ މަޝްރޫޢާއެކު އެކަންކަން ޙައްލުވުމުގެ އިތުރުން ޖުމްލަ ގޮތެއްގައި ރަށަށް ބޮޑުކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ހިތަދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށުން/ ފޮޓޯ ނަޒީ އޭއޯނިއުސް

ހިތަދޫ ބަނދަރުގެ މަޝްރޫޢު ޙަވާލުވެފައިވަނީ އެމްޓިސީސީއާއެވެ. އޭޕްރީލް 1 ވަނަ ދުވަހު ބަނދަރު ސަރަޙައްދު ތަރައްގީކުރުމަށްޓަކައި އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ޒީނިއާ އަހުމަދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ

ހިތަދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށުން/ ފޮޓޯ ނަޒީ އޭއޯނިއުސް

ޑިޒައިން އެންޑް ބިޑް އުސޫލުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން 234،297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ޑްރެޖިން އާއި އެކްސްކަވޭޝަން މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެއިތުރުން 800 މީޓަރުގެ ސޭންޑް ބްރޭކްވޯޓާ އާއި 284 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތުގެ އިތުރުން 57 މޫރިން ރިންގްސް އާއި 14 ބަނދަރު ބައްތިއާއި 1،420 ސްކުއެއާ މީޓަރުގެ ޕޭވްމެންޓެއް ހަދައި ޑްރެއިން ގާއިމް ކުރުމާއި 2 ނެރުބައްތި ޖެހުމާއި 3.5 މީޓަރ ހުންނަވަރަށް ބަނދަރު ތެރެ ފުންކުރުމާއި 4 މީޓަރ ހުންނަ ވަރަށް ނެރުތެރެ ފުންކުރުމުގެ މަސައްކަތްވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށް ދާނެއެވެ.

މިއީ 52.4 މިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢު ނިންމުމަށް އެމްޓިސީއަށް ދީފައިވަނީ އެއްއަހަރު ދުވަހުގެ މުއްދަތެވެ.