English Edition
Dhivehi Edition

މިހާރަކަށް އައިސް ކުރެވޭ ވައްކަމުގެ މައްސަލަތަކުގެ ތެރެއިން ސައިކަލް ވަގަށް ނެގުން އިންތިހާއަށް ބޮޑުވެފައިވުމާއެކު ޕާކުކޮށްފައި ދިއުމުގެ ކުރިން، ސައިކަލުން ތަޅުދަނޑި ނެގުނުތޯ ޔަގީން ކުރަން ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ ހަނދާންނެތިގެން ތަޅުދަނޑި ނުނަގާ ހުންނަ މައްސަލަތަކަކީ މިއަދު ވަރަށް އާއްމުވެފައިވާ މައްސަލައެއް ކަމަށާއި ސައިކަލު ޕާކުކުރުމަށްފަހު ހަނދާން ނެތިގެން ނަމަވެސް ސައިކަލު ތަޅުނުލާ ނުވަތަ ތަޅުދަނޑި ޖަހާފައި ނުނަގާ ދިއުމުގެ ސަބަބުން ދެން އަންނައިރު ސައިކަލް ގެއްލުން ފަދަ އެތައް ޙާދިސާއެއް ހިނގަމުންދާ ކަމަށެވެ. މިފަދަ ޙާދިސާއެއްގެ މިސާލު ޖައްސަވަމުން ފުލުހުން ވިދާޅުވީ ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހުގެ 01 އިން ފެށިގެން މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ސައިކަލު ޕާކު ކުރުމަށްފަހު ތަޅުދަނޑި ޖަހާފައި ހުރުމުގެ 54 މައްސަލައެއް ހަމައެކަނި މާފަންނު ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކޮށްފައިވާކަން ފާހަގަކުރެވޭކަމަށެވެ.

މިކަމަށް ސަމާލުވެލައްވާށެވެ.

“ހަނދާން ނެތިގެން ނަމަވެސް ވަގުންގެ އަތްމައްޗަށް ދޫކޮށްލެވެނީ ތިބާގެ އަގުބޮޑު މުދަލެކެވެ. އެހެނީ، މިފަދަ ކަންކަމުގެ ސަބަބުން ވައްކަން ކުރާ ފަރާތްތަކަށް ވައްކަން ކުރުމުގެ ފުރުސަތު ބޮޑުވެ، ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވެގެން ދެއެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެއެވެ.

އެހެންކަމުން ތިމާ ގެންގުޅޭ އަގުބޮޑެތި މުދަލަށް ސަމާލުވެ ރައްކާތެރިވުމަކީ ތިމާގެ ފަރުދީ ޒިންމާއަކަށް ހަދަން ޖެހެއެވެ. ސައިކަލު ޕާކުކޮށްފައި ދިއުމުގެ ކުރިން، ސައިކަލުން ތަޅުދަނޑި ނެގުނުތޯ ޔަގީން ކުރައްވާށެވެ. އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ.” މޯލްޑިވްސް ޕޮލިސް ސާވިސް