މޫދަށް އެރި އުޅެނިކޮށް ގެއްލުނު ސިފައިންގެ މީހާގެ ހަށިގަނޑު ފެނިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެމީހާގެ ހަށިގަނޑު ކޯސްޓްގާޑުގެ ޑައިވަރުންނަށް މޫދު އަޑިގައި އޮތްވާ ފެނިފައިވާ ކަމަށެވެ.
އޭނާގެ ހަށިގަނޑު ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައިވަނީ މިރޭ 20.50 ގައި ކަމަށާއި އޭނާގެ ހަށިގަނޑު އެމްއެންޑީއެފް ލޯންޗަށް ނަގައިގެން ކައްދޫއަށް ދިއުމަށް ދަތުރު ކުރަމުން ދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.
މިމީހާއަކީ ލ. ކައްދޫގެ އިރުމަތީ ފަރާތުން މޫދަށް ފޭބި ސިފައިންގެ ލާންސްކޯޕްރަލް ހުސައިން ފާރިޝް އެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގެ މައުލޫމާތު އެއިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 17:40 ގައިކަމަށެވެ.
އޭނާ މޫދަށް ފޭބީ ސިފައިންގެ އިތުރު 3 މީހުންނާ އެކު އޮފްޑިއުޓީގަޑީގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެ 4 މީހުން މޫދަށް ފޭބީ ސްނޯކްލިން އަށެވެ.
ހުސައިން ފާރިޝް އޮއިގަނޑެއްގައި ޖެހި އަޑިއަށްދާން ފެށުމުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތްކުރި ސިފައިންގެ އެހެން މީހަކުވެސް ގެނބިގެން ހޮސްޕިޓަލަށް ގެންދެވި ފަރުވާދެމުން ގެންދާ ކަމަށާއި، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.