English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވޯޓު ދިނުމަށް ހައްގު ލިބޭ މީހުންގެ ފައިނަލް ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު ވަނީ 31 މާރިޗު 2021 އިން 02 އެޕްރީލު 2021 ގެ ނިޔަލަށް ހުޅުވާލާފައެވެ.

އީސީން ބުނީ ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރާ ނަމަ އެކަން ބަޔާންކޮށް ސޮއި ކުރާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ގެންނަން ޖެހޭނެ ކަމަށާއި އަދި ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ވެސް ގެންނަންވާނެކަމަށެވެ.

މީގެ އިތުރުން އީސީން ސިޔާސީ ޕާޓީއަކުން ތަމްސީލުކުރާ ކެންޑިޑޭޓެއްގެ ފަރާތުން، އެޕާޓީއަކުން އައްޔަންކުރާ ފަރާތް ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ޕާޓީގެ ތައްގަނޑު ޖެހި ސިޓީއެއް ގެންނަންވާނެއެވެ.އަދި ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތެއްގެ އައިޑީ ކާޑުގެ އަސްލު ގެންނަންވާނެކަމަށް އީސީންވަނީ ބުނެފައެވެ.

ވޯޓާސް ލިސްޓްގައި ސޮއި ކުރަން ހަމަޖެހިފައިވާ ގަޑިތަކަކީ ހެނދުނު 8:30 އިން ރޭގަނޑު 08:00 އަށެވެ އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 10:30 އަށެވެ.