English Edition
Dhivehi Edition

ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ ދަށުން އަންނަ އަހަރު މަދުވެގެން އިތުރު 7000 މީހުންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މުއިއްޒް ވިދާޅުވީ އަންނަ އަހަރު ދިނުމަށް ނިންމާފައިވާ އިތުރު 7،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާނެކަމަށެވެ. “އަންނަ އަހަރު ދިނުމަށް ނިންމާފައިވާ 7000 ފްލެޓަށް މީހުން ހޮވާނީ މިހާރު ފްލެޓަށް ކުރިމަތިލާފައިވާ އެހެންނަމަވެސް ފްލެޓް ނުލިބުނު 14،000 މީހުންގެ ތެރެއަކުން ނޫން.” މުއިއްޒު ވިދާޅުވިއެވެ.

މި ފަހަރު ފްލެޓަށް އެދި ހުށަހެޅި 15،000 މީހުންނަށް ވުރެ ގިނަ މީހުންގެ ތެރެއިން ފްލެޓް ލިބުނު 661 މީހަކު ކަނޑައެޅި ގޮތާއި ދޭތެރޭ ސުވާލު އުފައްދާ ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ އިރު މުއިއްޒު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ނަން އާންމު ނުކުރެއްވީ ތަހުޒީބީ ކަމަކަށް ނުވާތީ ކަމަށެވެ. މީގެ އިތުރުން މުއިއްޒު ވިދާޅުވީ ތިން ބުރަށް ހުރިހާ ފޯމުތަކެއް އަލުން ބެއްލެވި ކަމަށެވެ. އަދި މާލޭގެ ގެތަކަށް މިނިސްޓްރީގެ ޓީމުތައް ގޮސް އެ ގެތަކުގެ ހާލަތު ބަލައި އެންމެ ހައްގު ފަރާތްތައް ހޯދައި ބެލި ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް އޮކްޓޯބަރ މަހު އައްޑޫ، ފުވައްމުލައް އަދި ތިނަދޫ އިން ފްލެޓް ލިބޭ މީހުންގެ ލިސްޓް އިއުލާން ކުރާނެ ކަމަށެވެ.