English Edition
Dhivehi Edition

މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލާނެ ކަމަށް ކުރިން ބުނި ނަމަވެސް، ކޯޗު ޒަވީ ހެނާންޑޭޒް އެ ކުލަބުގައި މަޑު ކުރަން ނިންމައިފި އެވެ.

ނަތީޖާތައް ދައްވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، މި ސީޒަނަށް ފަހު މަގާމު ދޫކޮށްލަން ނިންމި ނަމަވެސް ފަހުން ޒަވީގެ ވިސްނުން ބަދަލުކޮށް އޭނާ ބާސާގައި މަޑުކުރަން ނިންމީ ކުލަބުގެ ރައީސާއި ކުޅުންތެރިންގެ އެދުމުގެ މަތިންކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބާސާއިން ޒަވީއާއެކު, ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު, އޭނާ ވަނީ އެއްބަސްވުން ހަމަވާންދެން މަޑުކުރަން ނިންމައިފަ އެވެ. ޒަވީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ މި އަހަރުގެ އަހަރުގެ ޖޫން މަހުގަ އެވެ. ނަމަވެސް ބާސެލޯނާ އިން ވަނީ އިތުރު އެއް އަހަރަށް އޭނާގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެހެންކަމުން، އައު އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން އޭނާ އިތުރު އެއް ސީޒަން ބާސާގައި ހޭދަކުރާނެ އެވެ.

ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ، އެ ކުލަބުގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ގަތަރުގެ އަލް ސާދު ދޫކޮށް ބާސާއާ ހަވާލުވި ޒަވީ ވަނީ އެ ޓީމުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ސްޕެނިޝް ލީގު ކާމިޔާބު ކޮށްދީފަ އެވެ. އޭގެ ކުރިން، ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްދިނެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީ އަތުން ބާސާ ބަލިވުމާއެކު, އެ ޓީމަށް މިހާރު ލިބެން އޮތީ ހަމައެކަނި ސްޕެނިޝް ލީގެވެ. އެކަމަކު މި ސީޒަނުގައި ސްޕެނިޝް ލީގު ލިބުން އެއީ ބާސާ އަށް ދުރު ކަމެކެވެ. އެއީ ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ރެއާލަށް ލީގު ކާމިޔާބު ކުރަން ބޭނުންވަނީ އެންމެ ނުވަ ޕޮއިންޓެވެ.