English Edition
Dhivehi Edition

ހުވަދު އަތޮޅުގެ ތަރައްޤީގެ ޕްރޮޖެކްޓުތަކަށް ހުރަސްއަޅާ ބަޔަކަށް އައްޑޫސިޓީގެ ރައްޔިތުން ނުވާނެ ކަމަށް، އައްޑޫގެ މޭޔަރު ކަމަށް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫލައިވް އިން ގެނެސްދިން “އަހަފެލެ” ޕްރޮގްރާމްގައި ނިޒާރު ވިދާޅުވީ ހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓެއް ނުވަތަ ތިނަދޫގައި އެއާރޕޯޓެއް އެޅުމަށް ސަރުކާރުން ނިންމައިފިނަމަ އެއީ ހުވަދޫ ރައްޔިތުންނަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށާއި އެކަމުގެ ހުރަހަކަށް އައްޑޫ ރައްޔިތުން ނުވާނެ ކަމަށެވެ.

ނަމަވެސް މިކަމުގައި އެންމެ ރަނގަޅު ގޮތަކީ އެންމެންވެސް ގުޅިގެން މަސައްކަތް ކުރުންކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ ކައިރިކައިރީގައި ބޮޑު ދެ އެއާޕޯޓެއް އޮތުމަކީ އެންމެ ބުއްދިވެރި ކަމެއްތޯ ބަލަންޖެހޭ ކަމަށާއި އެގޮތުން އައްޑޫ އެއާޕޯޓު ތަރައްޤީކޮށް އެތަނުން ހުވަދޫ އަށް ޓޫރިސްޓުން ގެންދެވޭ ގޮތް ވުމަކީ ރަނގަޅު ގޮތެއް ކަމަށެވެ.

އަދި ހުވަދޫގައި އެއާޕޯޓެއް އެޅި ނަމަވެސް ސަރުކާރުން އައްޑޫގައި ތަރައްގީ ކުރަން ނިންމާފައިވާ 8000 ޓޫރިސްޓު އެނދު ޤާއިމުކުރެވިއްޖެނަމަ އެހެން ބަޔަކަށް ބަރޯސާނުވެ އެއާޕޯޓް ތައް ހިންގިދާނެކަމަށާއި އަދި މިފަދަ ކަމެއް ކުރަންވާނީ މިއީ ވިޔަފާރީގެ ގޮތުން ކޮންކަހަލަ ކަމެއްތޯ ވެސް ބެލުމަށްފަހުކަމަށް ނިޒާރުވިދާޅުވެފައިވެއެވެ.

ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ނިންމާފައިވާ ކަމަށް ދާދިފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ އެއާޕޯޓު އަޅާނެ ރަށެއް އަދި ނިންމާފައިނުވެއެވެ. ހުވަދު އަތޮޅަކީ ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ފުޅާވެ ކުރިއަރަމުން އަންނަ އަތޮޅެކެވެ، މިއާއެކު މިހާރު ވެސް ކޫއްޑޫ އާއި ކާޑެއްދޫގެ އިތުރުން މާވަރުލުގައި ދަނީ އެއާޕޯޓް ހިންގަމުންނެވެ.