English Edition
Dhivehi Edition

އޭއޯ ނިއުސް އިން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މަދަޙަ މުބާރާތުގެ މިއަހަރުގެ މުބާރާތް އޮންލައިން ކޮށް ބޭއްވުމަށް ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.

ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުޞަދުގައި 2015 ވަނަ އަހަރުން ފެށިގެން އޭއޯ އިން ބާއްވަމުން އަންނަ މިއަހަރުގެ މި މުބާރާތް މީގެ ކުރިން ބާއްވަމުން އައިސްފައިވަނީ ހަމައެކަނި އައްޑޫސިޓީއަށް ހުޅުވާލައިގެން ނެވެ. ނަމަވެސް މިއަހަރުގެ މުބާރާތް މި ބާއްވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮންލައިން ކޮށެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ތަނަކުން ވެސް އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ކޮންމެ ކުއްޖަކަށްވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިދެވޭ ގޮތަށެވެ.

7 ޢުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިން އޮންލައިންކޮށް ފޮނުވާ ވީޑިއޯތައް މުބާރާތުގައި ބައިވެރިކޮށްގެން ނެވެ.

މުބާރާތުގެ ޢުމުރުފުރާ ތަކަކީ 6 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް ، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ. މުބާރާތުގައި ޢުމުރުފުރާ ކަނޑައަޅާނީ 1 ޖެނުއަރީ 2021 އަށެވެ.

މުބާރާތާ ބެހޭ ހުރިހާ ގަވާއިދު ތަކެއް ތިރީގައިވާ ލިންކުން ބެލޭނެއެވެ.

https://drive.google.com/file/d/1sngXbnZWYwCCZdTugeWzFUw_m52I058Q/view

މި މުބާރާތުގެ މަދަޙަ ތަކުގެ ރެކޯޑިން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ރަމަޟާން މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ. އަދި ބައިވެރިންގެ މަދަޙަ ތައް އޭއޯ ނިއުސް ގެ ޔޫޓިއުބް ޗެނަލަށް އަޕްލޯޑް ކުރުމަށް ފަށާނީ ރަމަޟާން މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ޕްލިކޭޝަން ފުރިހަމަކުރުމަށް ފަހު ފޮނުވުމުން މުބާރާތުގައި ބައިވެރިކޮށްދޭނެއެވެ.

https://form.jotform.com/aonews09/madhaha05

މީގެ ކުރިންވެސް އޭއޯ އިން ކާމިޔާބު މަދަޙަ މުބާރާތްތަކެއް ބާއްވާފައިވާއިރު މި މުބާރާތްތަކުން ވަނަ ތަކަށް އައި ފަރާތްތަކަށް އޮސްޓްރޭލިއާ، ދުބާއީ، ޗައިނާ ސްޓަޑީ ޓުއާރ ފަދަ ތަޖުރިބާ ދަތުރު ތައް ވަނީ ހޯދާދީފައެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެއްވަނަ ދަރިވަރުންނަށް 3 ފަހަރެއްގެ މަތިން ވާނީ އުމްރާ ދަތުރުގެ އިނާމުވެސް ހޯދާދީފައެވެ.

މި އަހަރުގެ މުބާރާތުން ވެސް ވަނަ ތަކަށް އަންނަ ބައިވެރިންނަށް މިފަދަ އިނާމުތައް ހޯދައިދެވޭތޯ އޭއޯ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

މުބާރާތުގައި ހޮވާނެ ވަނަތައް:

މުބާރާތުގެ ކޮންމެ އުމުރުފުރައަކުން ގަދަ 5

ކޮންމެ އުމުރުފުރައަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ

މުޅި މުބާރާތުން އެންމެ މޮޅު 5 ވަނަ

މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ އެވެ.

މީގެ އިތުރުން ޔޫޓިއުބް ޗެނަލަށް އަޕްލޯޑް ކުރާ ބައިވެރިންގެ ވީޑިއޯ ތަކުގެ ތެރެއިން 200 އަށް ވުރެ މަތިން ލައިކްސް ލިބޭ ވީޑިއޯ ހުށަހަޅާ ކޮންމެ ކުއްޖަކަށް އޭއޯ އިން ގިފްޓް ވައުޗަރ އެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.