އައްޑޫ ސިޓީ މޭޔަރުކަމަށް ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް މުހައްމަދު ލަތީފު (ލަތީބެ) ސެނިޓަރީ ޕެޑްސް ހިލޭ ލިބޭ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ވައުދުވުމުން އެމްޑީޕީގެ މޭޔަރ ކެންޑިޑޭޓް، އަލީ ނިޒާރު ސިފަކުރެއްވީ، އެއީ އަންހެން ކަނބަލުންނަށް ފުރައްސާރަކުރުން ކަމުގައެވެ.
ހުރިހާ ހައްގެއް ހޯދާދިން އަދި އިތުރަށް ހޯދާދިނުމަށް ވަކާލާތު ކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށް ދައުވާކުރާއިރު އެޕާޓީން މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓް އެގޮތައްވާހަކަ ދެއްކުމުން ހައިރާންވިއެވެ. ކޮންމެއަކަސް ކެންޑިޑޭޓް، އަލީ ނިޒާރު އެގޮތައް ސިފަކުރެއްވުމުން އެނގިގެން ދިޔައީ އަންހެން ކަނބަލުންނަށް ފޯރުކޮށްދޭން ޖެހޭ މިފަދަ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެމްޑީޕީން ދެކޮޅުކަމެވެ.
ނަމަވެސް ސެނިޓަރީ ޕެޑްސް ހިލޭ ދިނުމަކީ މިހާރު ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ހިނގަމުން އަންނަ ޓްރެންޑެކެވެ. ބައެއްގައުމުތަކުގައި، އެއީ އަންހެން ކަނބަލުންނަށް ހިލޭ ފޯރުކޮށްދޭންޖެހޭ އަސާސީ ހައްގެއްކަމާއި އެ ހައްގު ހޯދުމަށް އަޑުއުފުލައި މުޒާހަރާވެސް އެބަކުރެއެވެ.
އަސާސީ ހައްގެއްގެ ގޮތުގައި ސެނިޓަރީ ޕެޑްސް، ސަރުކާރުން ހުރިހާ އަންހެންކަނބަލުންނަށް ދިނުމަށް ޕާލަމެންޓުން އެންމެ ފުރަތަމަ ފާސްކުރި ގައުމަކީ ސްކޮޓްލޭންޑެވެ. އެއީ 2020 ވަނަ އަހަރުގައެވެ. އެއިގެ ކުރީންވެސް ސްކޮޓްލޭންޑުގެ ކޮލެޖް ޔުނިވަރސިޓީ ތަކުގައި ކިޔަވާ އަންހެން ދަރިވަރުންނަށް އެގައުމުގެ ސަރުކާރުން ޕެޑު ހިލޭ ދެމުން އައިސްފައި ވެއެވެ.
އިންޑިއާގެ ޕަންޖާބު ސްޓޭޓްގެ ކޮލެޖް ޔުނިވަރސިޓީތަކުގައި ކިޔަވާ އަންހެން ދަރިވަރުންނަށް ސަރުކާރުން ސެނިޓަރީ ޕެޑު ދެއްވާނެކަމަށް ޕަންޖާބުސްޓޭޓްގެ ޗީފް މިނިސްޓަރ އިއުލާންކުރީ މިއަހަރު ޖެނުއަރީ މަހުގެ ތެރޭގައެވެ. ދާދިފަހުން ކެނެޑާ ސަރުކާރުންވެސް ވަނީ ސެނިޓަރީ ޕެޑު ހިލޭފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފަށަން އިއުލާންކޮށްފައެވެ. ދުނިޔޭގެ އެންމެ ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުންވެސް މިފަދަ ޕްރޮގްރާމް ހިންގަން ފަށައިގެންއުޅެނީ އަދި ފަށަން ތައްޔާރުވަމުންދަނީ މިކަމުގެ މުހިއްމުކަން ބޮޑުކަމުންކަން ކަށަވަރެވެ.
ދިވެހިރާއްޖޭގައިވެސް ކައިރި މުސްތަގުބަލެއްގައި އާސަންދައިގެ ދަށުން ސެނިޓަރީ ޕްރޮޑަކްޓްސް ހިލޭ ފޯރުކޮށްދޭނެކަމީ ޝައްކެތް އޮތް ކަމެއްނޫނެވެ. ހަމަގައިމުވެސް އަންހެން ކަނބަލުންނަށް ފުރައްސާރަވާ ކަމެއްނަމަ ތަހްޒީބު ގައުމުތަކުން އެކަންކަން ތަޢާރަފެއް ނުކުރާނެއެވެ. ކޮންމެއަކަސް އައްޑޫ ސިޓީގެމޭޔަރުކަމަށް ފައިނަންގަވައިގެން ހުންނެވި ބޭފުޅަކަށް އަންހެން ކަނބަލުންނަށް ބޭނުންވާ މިފަދަ ޒަރޫރީ ވަސީލަތެއްގެ މުހިއްމުކަން ނޭނގި އޮތުމަކީ އަންހެން ކަނބަލުންގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ.