English Edition
Dhivehi Edition

އިނގިރޭސިވިލާތު ވޭލްސްގެ ނަރުހަކު، ފިހާރައެއްގެ ތެރޭގައި ހާލުބޮޑުވި 18މަހުގެ ތުއްތުކުއްޖަކު މަރުން ސަލާމަތްކޮށްފިއެވެ.

ވޭލްސް އޮންލައިންގައި ރިޕޯރޓް ކޮށްފައިވާ ގޮތުގައި އެކުއްޖާގެ ހާލުބޮޑުވީ މަންމަ އަދި ބައްޕައާއެކު ފިހާރަތެރޭގައި ހުރެފައި ކެވުނު އެއްޗެއް ކަރުތެރޭގައި ތާށިވެގެންނެވެ.

ނަރުސްމީހާ ބުނީ، އޭނަވެސް އެ ފިހާރައަށް ގޮސް ވިޔަފާރިކޮށް ނިމިގެން ފައިސާ ދައްކަން ހުއްޓާ ކުއްލިޔަކަށް ދުވެފައި އަންހެނަކު އައިސް ކައުންޓާގައި އިންމީހާ ކައިރީ ވަރަށް ހާސްވެފައި ވަރަށް އަވަހަށް ފެންފުޅިއެއް ދޭށޭ ބުނިކަމަށެވެ. ދެން ވެގެން އުޅޭ ގޮތެއް ބަލާލާން އަންހެންމީހާ އައިދިމާލަށް ބަލާލި އިރު އެކުއްޖާގެ ބައްޕަގެ އަތްދަނޑިމަތީގައި ކުއްޖާ އޮތީ ހަރަކާތެއް ނެތި ނޭވާނުލެވިގެން ނޫވެ ހުއްޓިފައެވެ.

” ކުއްޖާ ފެނުމުން ވަގުތުން ހިތަށްއެރި އެކުއްޖާ ކަރުގައި އެއްޗެއް ތާށިވެ “ޗޯކް” ވެފައި އޮތްހެން. ބައްޕަގެ އަތުން ކުއްޖާ އަތުލައި އަހަރެންގެ އަތުން އެކުއްޖާގެ ބުރަކަށީގައި 2 ފަހަރު ޖެހިން. އެކަމަކުވެސް އެއްޗެއް ބޭރުނުވި ދެން އަނެއްކާ 3 ވަނަފަހަރަ ޖެހީމަ އެކުއްޖާ ހަރަކާތްކުރަން ފެށި. ދެލޯ އުނގުޅައި ރޯންފެށި. އަހަރެންގެ ހިތަށް އެރި އެވަގުތު އެކުއްޖާގެ މަންމަ ފެން ދިންނަމަ ކުއްޖާ ސަލާމަތް ނުވާނެޔޭ. އަހަރެން އެކުއްޖާ އަށް ދިން ފަރުވާ އަކީ ކަރުގައި އެއްޗެއް ތާށިވުމުން ދޭންޖެހޭ ފަރުވާ. އެކުއްޖާ ރަނގަޅު ވިިއިރު މަންމަ ވަނީ އެމްބިއުލަންސް އަށް ގުޅާފައި އެވަގުތު ފުލުހުންނާއި އެންބިއުލާސް ވެސް އައި. އެކުއްޖާ އިތުރަށް ފަރުވާއެއް ދޭން ޖެހޭތޯބެލުމަށް ހޮސްޕިޓަލަށް ގެންދިޔައީ. ކުއްޖާގެ މަންމަ އާއި ބައްޕަ އަހަންނަށް ޝުކުރު އަދާކުރި. އޭގެފަހުން ދިމާނުވޭ އެކަމަކު އަހަރެން ފުލުހުންނަށް ގުޅައި ކުއްޖާގެ ހާލުއެހިން.” ނަރުސްމީހާ ކިޔައިދިނެވެ.

ލިންޗް ނަމަކަށްކިޔާ އެ ނަރުސްމީހާ ބުނީ ކޮވިޑްގެ ކަންތަކާހެދި އަސްލު މިކަހަލަ މެޑިކަލް އެމަޖެންސީ ތަކުގައިވެސް ރައްކާތެރިކަމުގެ ގޮތުން އަޅާ ހެދުން ނާޅާ ފަރުވާ ދިނުމުގެ ހުއްދައެއްނޯންނަ ކަމަށެވެ. އެހެން ނަމަވެސް އެކުއްޖާ އަށް ސީޕީއާރު ދިނުމުގައި ނޭވާ ލެއްވުމަށް އަނގައިން އޮކްސިޖަން ދޭންޖެހުނު ނަމަވެސް އެވަގުތު އެކުއްޖާ އަށް އޭނަ ފަރުވާ ދޭނެކަމަށެވެ.

ނަރުސްމީހާ އެ ތުއްތު ކުއްޖަސަލާމަތް ކުރުމުގައި ހަރަކާތް ތެރި ވުމުން ވޭލްސްގެ ވަރަށް ގިނަ މައިން ދަނީ އޭނަގެ މަސައްކަތަށް ތައުރީފުކޮށް ޝުކުރު އަދާކުރަމުންނެވެ.

ފުލުހުން ބުނީ އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ނަރުސްމީހާ ވަގުތުން އެހީ ވުމުން އެކުއްޖާގެ ފުރާނަ ސަލާމަތްވެ މިހާރު ހާލުރަނގަޅު ކަމަށެވެ.