English Edition
Dhivehi Edition

ފްލެޓު ލިބޭ 661 އަށް ވުރެ ގިނަ މީހުންގެ ފޯމް ނަންބަރު ހިމަނައިގެން އާންމުކޮށްފައިވާ ލިސްޓްގެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ބައްދަލު ކުރުމަށް މަސައްކަތްކޮށްފިއެވެ. މިއަދު މެންދުރު ހައުސިން މިނިސްޓްރީއަށް ގޮސް މިނިސްޓަރާއި ބައްދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު އިއްތިހާދަށް ނިސްބަތްވާ މެމްބަރުންނާއި މާލެސިޓީ ކައުންސިލްގެ މެމްބަރުންވަނީ އެމިނިސްޓްރީ ތެރޭގައި ގަޑިއެއްހާއިރު ހޭދާކޮށްފައެވެ.އެހެން ނަމަވެސް މިނިސްޓްރީގެ އިސް އެއްވެސް ވެރިޔަކާ ބައްދަލު ކުރެވޭ ގޮތް ނުވުމުން އެ ބޭފުޅުން ވަނީ އެ މިނިސްޓްރީން އަނބުރާ ވަޑައިގަންނަވާފަ އެވެ.

މިނިސްޓްރީއަށް ވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު އަދި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ހިމެނެއެވެ

ޕްލެޓުގެ މައްސަލައިގައި މިނިސްޓީރީގެ އިސް ފަރާތަކާއި ބައްދަލުނުކުރެވުނު ނަމަވެސް މި މަސައްކަތް ހުއްޓާނުލާނެކަމަށް މާލޭ މޭޔަރު ޝީފާ މުހައްމަދުވަނީ ވިދާޅުވެފައެވެ.”ފްލެޓްތައް އިމާރާތް ކޮށްފައި ވަނީ ރައްޔިތުންގެ ނަމުގައި ނަގާފައިވާ ލޯނުތަކުން. އެހެންކަމުން ރައްޔިތުންނަށް ކަންކަން ވަމުންދާ ގޮތް ސަރުކާރުން އޮޅުން ފިލުވާ ދޭން ޖެހޭނެ.”ޝިފާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމަށްފަހު ހައުސިން މިނިސްޓްރީ ކުރިމަތީގައި އިދިކޮޅު ފަރާތްތަކުން ވަނީ ފްލްޓް ދޫކޮށްފައިވަނީ ކަރަޕްޝަނަށް މަގުފަހިވާ ކަމަށް ވިދާޅުވެ ޕެޓިޝަނެއްގައި ސޮއި ކުރަންފަށާފައެވެ. ލެ ސިޓީ ކައުންސިލާއި މާލެ ސިޓީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން އިސްނަންގަވައިގެން ކުރިއަށް ގެންދާ ޕެޓިޝަންގައި ގިނަ އަދަދެއްގެ ބަޔަކު ސޮއިކުރަމުންދާކަމަށް މެމްބަރުންވަނީ ބުނެފައެވެ.