English Edition
Dhivehi Edition

ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ ކާއްޑޭ ސްޕޯޓްސް އެކެޑަމީ އާއި ގދ. ވާދޫ ސޮސައިޓީ ފޯރ ވާދޫ ޔޫތްސް ގުޅިގެން ރައުހަތު ސްޕޯޓްސް އެކެޑަމީގެ އެހީތެރިކަމާއެކު “ފުޓްބޯލް ކޯޗިންގ ޕޫލް” ގެ ނަމުގައި ފުޓްބޯޅައަށް ކުދިން އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ވާދޫގައި ހިންގައިފިއެވެ.

މި ހިނގާ މާރިޗު މަހުގެ 9 އިން 19 އަށް އެރަށުގައި ހިންގުނު މި ޕޫލްގައި ވާދޫގެ 16 އަހަރުން ދަށުގެ 67 ކުދިން ބައިވެރިވެފައިވާ ކަމަށް ކާއްޑޭ ސްޕޯޓްސް އެކެޑަމީގެ ނާއިބް ރައީސް އަހްމަދު މޫބީން ވިދާޅުވިއެވެ.

މޫބީން އިތުރަށް ވިދާޅުވީ އެކެޑަމީ އިން އިސްކަންދެނީ މުޅި ރާއްޖޭގެ ކުޅިވަރު ދިރުވާ އާލާ ކުރުމާއި ހުވަދުއަތޮޅުގައި ވަޅުޖެހެމުންދާ ފުޓްބޯޅައިގެ ފޯރި އިތުރު ކުރަން އެ އެކެޑަމީން އިސްކަންދީގެން މަސައްކަތް ކުރާނެ ކަމުގައެވެ. އަދި މި ފެށޭ ރަމަޟާން މަސް ނިންމާ، ހޯޑެއްދޫގައި ވައި.ޑީ.ޕީ ޕްރޮގްރާމެއް ވެސް ފެށުމަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބި އެކަމަށް ވާންޖެހޭ އެންމެހާ ތައްޔާރީއެއް ވެ ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވާދޫގައި ހިންގުނު މި ޕޫލްގައި ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އާދަމް ޟަރީފް (ރޮނާ) އެވެ. ރޮނާ އަކީ ފީފާ ގްރާސްރޫޓް ކޯޗެއްގެ އިތުރުން އެ އެކެޑަމީގެ ޓެކްނިކަލް ޑައިރެކްޓަރު ވެސްމެއެވެ. ކާއްޑޭ ސްޕޯޓްސް އެކެޑަމީއިން ވަނީ މި އަހަރުގެ ފެބްރުވަރީ މަހު ހޯނޑެއްދޫގައި 12 ދުވަހުގެ ކޯޗިން ޕޫލްއެއް ވެސް ހިންގާފައެވެ.