އައްޑޫ ސިޓީ މޭޔަރުކަމަށް ކުރިމަތި ލައްވާފައިވާ ޕީޕީއެމް ކެންޑިޑޭޓް، މުޙައްމަދު ލަތީފު (ލަތީބެ) ވިދާޅުވީ އައްޑޫ ސިޓީ ގަމުގެ ދޫގަސް މައްސަލަ މިދިޔަ ސަރުކާރު ނިމުނުއިރު އެމައްސަލަތައް ޙައްލު ކުރުމުގެ ހުރިހާ މަސައްކަތެއް ނިންމާފައިވާ ކަމަށާއި އެކަން މިހާރު ދިގުލައިގެން ގޮސް ނުނިމިއޮތީ އެއްވެސް އެހެން މައްސަލައެއް އޮވެގެން ނޫންކަމަށާއި މިހާރުން މިހާރަށްވެސް އެކަން ކުރެން ޖެހޭނެ ކަމަށެވެ.
ސިލްސިލާ ގޮތެއްގައި ލަތީބެ ކޮންމެ ދުވަހަކު ހެނދުނު ގެނެސްދޭ “ގުޑްމޯނިން އައްޑޫ ސިޓީ” ފޭސްބުކް ލައިވްޝޯގައި އައްޑޫ ސިޓީ ގަމުގެ ދޫގަހުގެ މައްސަލަ ޙައްލުނުވެ އޮތުމާއި ގުޅޭގޮތުން މީހަކު ކުރިމަތި ކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުން ލަތީބެ ވިދާޅުވީ، ގަމުގެ އެއާބޯޓު ހިންގުމާއި ހަވާލުވިއިރު އެތަނަކީ ލިބޭ އާމްދަނީއަކުން ޚަރަދު ނުބަޗާ ތަނެއްކަމަށާއި އެހެން ކަމުން އައްޑޫ އެއާރޕޯޓަށް އެންމެ އަވަސް ފުރުސަތެއްގައި އާމްދަނީ ލިބޭނެ ތަނަކީ ދޫގަސް ކަމުން އެންމެ ފުރަތަމަ ބެލީ ދޫގަސް އެއަރޕޯޓުގެ ދަށަށް ގެނަސް ވީހާވެސް އަވަހަށް އެތަން ރިނޮވޭޓްކޮށް އެތަން ހިންގުމަށެވެ.
އެގޮތުން އެމައްސަލަ ޙައްލު ކުރުމަށް އެންމެ ފުރަތަމަވެސް ބައްދަލު ކުރީ އޭރުގެ ރައީސް ޔާމީނުއާއި ކަމަށާއި އަދި ހަމަ ވަގުތުން ވަގުތައް އެކަން ކުރުމަށް މަގުފަހި ކޮށްދެއްވި ކަމަށެވެ. އެތަނުގެ ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށް އެތަން އައްޑޫ އެއަރޕޯޓާއި ޙަވާލު ކުރުމަށް އޭގެ ފަހުދުވަހު ފިނޭންސް މިނިސްޓްރީއިން މަސައްކަތް ފައްޓެވިއެވެ. އެގޮތުން މިނިސްޓްރީ އެންގުމާއެކު އެތަނުގެ ލޭންސާވޭއެއް ހަދާ އިންވަކި ކުރުމުގެ މަސައްކަތް ނިންމާ ވެރިކަން ބަދަލުވި އިރު އެކަމުގެ ހުރިހާ ކަމެއް ނިމި ހަމައެކަނި ކުރަން ޖެހިފައިވާ ކަމަކީ އެތަނުގެ ސެޓްލަމަންޓް އެގްރީމަންޓުގައި ސޮއި ކުރުން ކަމުގައި ލަތީބެ ވިދާޅު ވިއެވެ. ނަމަވެސް މިއަދާއި ހަމަޔަށް އެކަން ކުރެވިފައި ނެތެވެ.
ލަތީބެ ވިދާޅުވީ، ދޫގަހަކީ ބޭންކް އޮފްސިލޯނުގައި މޯގޭޖް ކޮށްފައިވާ ތަނެއްކަމުން އޭރު އެބޭންކާވެސް ވާހަކަ ދެކެވި ދޫގަސް ތަރައްގީ ކުރުމަށް އެތަނުން ލޯނުދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެބޭންކުން 5 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ހަމަޖެހިފައި އޮތެވެ. އެލޯނުގެ ތެރެއިން 2.8 މިލިއަން ޑޮލަރު ބޭންކަށް ދައްކާ ދޫގަހުގެ މޯގޭޗް ކަންތައް ހަމަޔަކަށް އަޅުވާ ބާކީވާ ފައިސާއިން އެތަން މަރާމާތުކޮށް ހިންގުމަށް ވަނީ ނިންމާފައެވެ.
މިހުރިހާ ކަމެއް ނިންމާ މަސައްކަތް ފަށައިގަންނަން އުޅެނިކޮށް، ސަރުކާރު ބަދަލުވެ ލަތީބެ ވަނީ މަގާމުން ވަކިކޮށްފައެވެ. ލަތީބެ ވިދާޅުވީ އިތުރު ތިން މަސް ދުވަސް ލިބުނު ނަމަވެސް އެތަން މަރާމާތު ކުރުމުގެ ހުރިހާ ކަމެއް ހަމަޖައްސާ ލަސްވެގެން އެތަން ހައެއްކަ މަސްތެރޭ ނިންމާ ލެވޭނެ ކަމަށެވެ.
އެތަން އެގޮތަށް މަސައކަތް ދިޔަނަމަ އެތަނުގައި ގާތްގަނޑަކަށް 200 ވަރަށް ވަޒީ އުފެދިގެން ދާނެ ކަމަށް ލަތީބެ ވިދާޅުވިއެވެ. އެގޮތަށް އައްޑޫ ސިޓީގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިވެގެން ދިޔަނަމަ ގާތްގަނޑަކަށް 2 މިލޔަނެއްހައި ރުފިހާ މަހެއްގެ މައްޗަށް އައްޑޫ ސިޓީގެ އިގްތިސާދުގެ ތެރެއަށް ވަދެގެންދާނެ ކަމީ އިގްތިސާދީ މާހިރުންވެސް ގަބޫލު ކުރާކަމެކެވެ.