English Edition
Dhivehi Edition

ކުށްމަދު އަމާން މާހައުލެއް ޤާއިމްކޮށް ރައްޔިތުން އިތުރަށް ހޭލުންތެރިކުރުވުމަށް މަޢުލޫމާތުދިނުމުގެ ޕްރޮގުރާމެއް ގއ ނިލަންދޫ ޕޮލިސްޑެސްކުން އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މާރޗް މަހުގެ 20 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ ޕްރޮގްރާމުތަކުގެ ތެރެއިން އެ ރަށުގެ ފިހާރަތަކާއި ސައި ހޮޓާ ތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން ، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެކި ނަންނަމުގައި ކުރިޔަށް ގެންދާ ފޯނު ކޯލުތަކުން ސަލާމަތްވެ ރައްކާތެރިވުމަށާއި، އަދި ވިޔަފާރި ކުރުމަށްފަހު އޮންލައިންކޮށް ފައިސާ ދެއްކި ކަމުގެ ސައްޙަ ނޫން ސްލިޕް ފޮނުވާ މައްސަލަތައްވެސް ހިނގަމުންދާތީ ފައިސާ ލިބުނުތޯ ޔަގީން ކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުމަށާއި އަދި އެފަދަ ކަންކަމުން ރައްކާތެރި ވުމަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަމާއި، ކުށްކުރާ ފަރާތްތަކާމެދު ސަމާލުވުމަށާއި ކުށެއްކޮށްފާނެ ކަމަށް ޝައްކުކުރެވޭނަމަ ނުވަތަ ކުށެއްގެ އަމަލު ހިންގައިފިނަމަ އެކަމެއް ވީހާވެސް އަވަހަކަށް ފުލުހުންނާ ހިއްސާކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަދި ކަރަންޓު ކެނޑިގެންދާ ވަގުތު އިތުރަށް ރައްކާތެރިވުމަށް އެމެޖެންސީ ލައިޓު ހަރުކުރުމާއި، ކުޑަކުދިންނާއި ބިދޭސީން ކޭޝިއަރުންގެ ގޮތުގައި ފިހާރައިގައި ނުބޭތިއްބުމަށާއި، ވިޔަފާރި ބަންދުކޮށްފައި ދާއިރު ރަނގަޅަށް ތަޅުލެވުނުތޯ ޔަގީން ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން ނިލަންދޫ ސްކޫލުގެ ސެކަންޑަރީ ގުރޭޑްތަކުގައި ތަޢުލީމް ހާސިލުކުރަމުންދާ ދަރިވަރުންނަށްވެސް ވަނީ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މާރިޗު 17 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވެއެވެ. އެ ޕްރޮގްރާމްގައި، ރަނގަޅުގޮތުގައި ދަރިވަރުންގެ އަހުލާގު ބެހެއްޓުމަށާއި، ސްކޫލު ތެރޭގައިއާއި އެހެނިހެން ތަންތާގައި އުޅޭއިރު ދަރިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި ކިޔައިދީ ނަމޫނާ ކުދިންތަކަކަށް ވުމަށް ނަސޭހަތްތެރިވެ މަޢުލޫމާތު ދީފައިވެއެވެ.

ރަށްރަށުގައި އަމާންކަން ޤާއިމުކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް މަޢުލޫމާތު ދިނުމުގެ މިފަދަ ސިލްސިލާ ޕްރޮގްރާމްތައް އަތޮޅުތެރޭގައި ދަނީ ހިންގަމުންނެވެ. މި ގޮތުން ގއ ގެމަނަފުށީގައިވެސް ވަނީ މިފަދަ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފައެވެ