އައްޑޫ ސިޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ޓެކެޓުގައި ވާދަ ކުރައްވާ މުޙައްމަދު ލަތީފް (ލަތީބެ) ވިދާޅުވީ އައްޑޫ އެއާޕޯޓް ހިންގަން ލިބުނީ ގާތްގަނޑަކަށް ފަސްވަރަކަށް މަސް ދުވަސް ކަމަށާއި އަދި އެމަދު ދުވަސްކޮޅުގައިވެސް ބެއްލެއްވީ އައްޑޫ ޒުވާނުން ބިނާކުރުމަށް ކަމަށެވެ.
ސިލްސިލާ ގޮތެއްގައި ލަތީބެ ފޭސްބުކް ލައިވްކޮށް ގެނެސްދޭ ސުވާލު ޝޯގައި ލަތީބެ އައްޑޫ އެއަރޕޯޓް ހިންގަން ހުރި ދުވަސްވަރުގައި އައްޑޫ އަށް ކަމެއް ކޮށްނުދެވޭ ކަމަށް ބުނެ ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ލަތީބެ ވިދާޅުވީ، އެއަރޕޯޓް ހިންގަން ހަވާލުވި އިރު އެތަނަކީ ދަރަނި ވަރަށް ބޮޑު ތަނެއް ކަމަށާއި އެތަނަށް ލިބޭ ފައިސާއިން ޚުދު އެތަނުގެ މުވައްޒަފުންނަށް މުސާރަވެސް ނުދެވޭ ކަމަށެވެ.
އެގޮތުގެ މަތިން އެންމެ ފުރަތަމަވެސް ބެއްލެވީ އެތަނުގެ ހިންގުން އެސެސްކޮށް، އެތަނަކީ ދަރަނިން ސަލާމަތް ވެފައިވާ ތަނަކަށް ހެދުން ކަމަށެވެ. އަދި އައްޑޫ އެއަރޕޯޓުގެ ޕްރޮޕަޓީ އައްޑޫ އެއަރޕޯޓަށް ހޯދުމަށް މަސައްކަތް ކުރެވުނު ކަމަށާއި އައްޑޫ އެއަރޕޯޓުގެ ޕްރޮޕަޓީއިން އެއަރޕޯޓަށް ލިބެންޖެހޭ ހަމަ އަގު ނުލިބޭކަމަށް ލަތީބެ ފާހަގަ ކުރެއްވިއެވެ.
ނަމަވެސް މިހުރިހާ ކަމަކާއެކުވެސް ފުރަތަމަ ބެލީ އައްޑޫ ސިޓީގައި އެއަރޕޯޓުގެ އެކިދާއިރާގައި މަސައްކަތް ކުރާނެ އައްޑޫ ދަރިން އުފެއްދުމަށް ކަމަށެވެ. އެގޮތުން އިންޓަންޝިޕް ޕޮރޮގްރާމެއް ތައްޔާރުކޮށް ފުރަތަމަ ބެލީ އައްޑޫ ސިޓީގެ 50 ޒުވާނުންނަށް އެއަރޕޯޓުގެ ހުރިހާ ދާއިރާއަކަށް އެޒުވާނުން ތަމްރީނު ކުރުމަށެވެ.
ޕްރޮގްރާމް ވަރަށް ރަނގަޅަށް ފަރުމާކޮށް އެކަމަށް ޒުވާނުން ނަގަން އިއުލާން ކުރުމުން އެކަމަށް އެދި 120 ޒުވާނުން ކުރިމަތި ލިކަމަށެވެ. އެހާވާރުގެ ތަރުހީބެއް އައްޑޫ ޒުވާނުންގެ ފަރާތުން ލިބުމަކީ ވަރަށް އުފާވި ކަމެއް ކަމަށާއި އެހެންކަމުން ލަތީބެ ނިންމީ އެއްވެސް ޒުވާނަކު ބާކީ ނުކޮށް ކިތައްމެ އުނދަގޫ ނަމަވެސް ހުރިހާ ކުދިންނާއެކު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށެވެ.
ކަމުގެ ތަޖުރިބާ ކާރުން މާލެއިން ގެނެސް ގެން ޕްރޮގްރާމް ހިންގާ އެހެންނަމަވެސް ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާނީ ގާތްގަނޑަކަށް 80 ވަރަށް ޒުވާނުން ކަމަށެވެ. އެހުރިހާ ކުދިންނަށް އެތަމްރީނު ޕޮރޮގްރާމް ހިންގި ކަމުގެ ސެޓްފިކެޓްވެސް ދީފައިވާނެ ކަމަށެވެ. އަދި އެހުރިހާ ޒުވާނުންނަކީ އައްޑޫ އެއަރޕޯޓުގައި މަސައްކަތް ކުރުމަށް ތަމްރީން ލިބި އެކަމަށް ގާބިލު ކުދިން ކަމީ ލަތީބެ ވަރަށް އުފާވާ ކަމެއް ކަމަށް ލަތީބެ ވިދާޅުވިއެވެ.
އަދި އެ ޒުވާނުންގެ ތެރެއިން ކޮންމެވެސް ވަރަކަށް ޒުވާނުންނަށް އޭރުވެސް ވަޒީފާ ހަމަޖެހިގެން ދިޔަ ކަމަށާއި އެއީ އައްޑޫގެ ޒުވާނުންނަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ލަތީބެ ވިދާޅު ވިއެވެ. އަދި މިހާރުގެ އައްޑޫ އެއަރޕޯޓުގެ މެނޭޖްމަންޓަށް ލަތީބެ ގޮވާލެއްވީ އައްޑޫ އެއަރޕޯޓަށް މުވައްޒަފުން ނެގުމުގައި އެޒުވާނުންނަށް އިސްކަން ދިނުމަށެވެ. ސަބަބަކީ އެއީ އެކަމަށް ގާބިލު ކުދިންކަމަށް ލަތީބެ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ލަތީބެ ވިދާޅުވީ، ގަމުގެ އެއަރޕޯޓާއި ހަވާލުވިއިރު ފުދޭވަރަކަށް ވަގުތީ މުވައްޒަފުން އެތަނުގައި ތިބި ކަމަށާއި އަދި ޕްރޮބޭޝަން ބައިތިއްބައިގެން އެތައް މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވަމުން ގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ޕްރޮބޭޝަން މުއްދަތު ދެއަހަރު ވެފައިތިބި މުވައްޒަފުން ތިބި ކަމަށެވެ. ނަމަވެސް ލަތީބެ އެތަން ހިންގަން ލިބުނު ފަސްމަސް ދުވަސް ތެރޭ އެހުރިހާ މުވައްޒަފުން ދާއިމީ މުވައްޒަފުންނަށް ބަދަލުކޮށްފައި ވާނެ ކަމަށެވެ.
މީގެ އިތުރުންވެސް އެއަރޕޯޓުގެ ކަންކަން ރަނގަޅު ކޮށް ކުންފުނީގެ ދަރަނި ކުޑަކޮށް ހަރުދަނާ އުސޫލެއްގެ ދަށުން އެއަރޕޯޓު ހިންގުމަށް ލަތީބެ ދިޔައީ ބުރަމަސައްކަތެއް ކުރައްވަމުން ކަމަށް ލަތީބެ ވިދާޅުވިއެވެ.