English Edition
Dhivehi Edition

އައްޑޫ ސިޓީން ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާ ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ކުލީ ބިންތަކުގެ ތެރެއިން، 31 ބިމެއް ބިޑް ކާމިޔާބުކުރެއްވި ފަރާތްތަކާ ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު އައްޑޫ ސިޓީ ފޭދޫ ޓޫރިޒަމް ޒޯންގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ބިޑް ކާމިޔާބުކުރެއްވި ފަރާތްތަކަށް، ބިންތައް ހަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު، މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް އެވެ.

އިއްޔެ ހަވާލުކުރި ކުލީ ބިންތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫ ޓުރިޒަމް ޒޯންގެ ހަތް ބިމަކާއި، މަރަދޫ ޓޫރިޒަމް ޒޯނުން އެއް ބިމާއި، ފޭދޫން 12 ބިން އަދި ހުޅުދޫ އިން ނުވަ ބިމަކާއި މީދޫ ޓޫރިޒަމް ޒޯނުން ދެ ބިމެކެވެ.

މި ކުލީ ބިންތަކުގެ ބިޑް ކާމިޔާބުކުރެއްވި ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ މި މާރިޗު މަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ.

މިއަދު ހަވާލުކުރެވުނު ބިންތަކުގައި ޓޫރިސްޓް ގެސްޓްހައުސް އަދި ހޮޓާ ތަރައްޤީކޮށް ޚިދުމަތްދިނުމަށް ލަސްވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ފަށަންޖެހޭނެކަމަށް އެއްބަސްވުމުގައި ވެއެވެ.

އައްޑޫ ސިޓީން ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާ ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވަނީ ޖުމުލަ 93 ބިމެކެވެ. މީގެ ތެރެއިން މިހާރު 31 ކުލީ ބިމުގެ ބިޑް ކާމިޔާބުކުރި ފަރާތްތަކާ ބިންތައް ހަވާލުކޮށްފައިވާއިރު، ބާކީ ހުރި 62 ބިމަށް ބީލަން ހުށަހެޅުއްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

އައްޑޫގައި ފަތުރުވެރިކަމުގެ ޚާއްސަ ސަރަހައްދުތައް ތަރައްޤީ ކުރުމަކީ ސަރުކާރުން އައްޑޫގައި 8000 އެނދު ތަރައްޤީ ކޮށްދެއްވާނެ ކަމަށްވި ވަޢުދުގެ ދަށުން ހިންގާ މަޝްރޫއެކެވެ. މީގެ އިތުރުން އައްޑޫގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާއިރު، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސްވެސް އައްޑޫގައި ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ.