ގދ. ގައްދޫގެ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓަކު، ޖިންސީ ގޯނާގެ ކުށުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފިއެވެ.
ގައްދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަހްމަދުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. އަދި ޕީޕީއެމް ޓިކެޓުގައި ކައުންސިލަށް ކުރިމަތިލިއިރުވެސް ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކުރިޔަށް ދާކަމަށާއި މިދިޔަ އަހަރުގައިވެސް އިތުރު ދެދައުވާއެއް މުހައްމަދު އަހުމަދުގެ މައްޗަށް އުފުލާފައިވާކަމަށް ޕީޖީން ވަނީ ހާމަކޮށްފައެވެ.
2015 ވަނަ އަހަރު ޖިންސީ އަމަލެއް ހިންގުމުގެ މައްސަލައިގެ އިތުރުން މިދިޔަ އަހަރު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަ ކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ، އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވަނީ އޭނަގެ މައްޗަށް އުފުލާފައެވެ.
މިތިން މައްސަލައިގެ ޝަރީއަތްތައް ނިމެންދެން މުހައްމަދު އަހުމަދު މާފުށީ ޖަލުގައި ބަންދުކުރަން ވަނީ ހުކުމްކޮށްފައެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަކިގޮތަކަށް އަދި ނުނިންމާކަމަށް މައުލޫމާތު ލިބިފައިވެއެވެ.