މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ރަޖިސްޓްރީ ކޮށް ހިންގަމުންދާ ޖަމްމިއްޔާ ތަކުގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަނުވާ ޖަމްޢިއްޔާތަކަށް ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިތުރު ފުރުސަތެއް ދީފިއެވެ،
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ބައެއް ޖަމްޢިއްޔާތަކުން ޤާނޫނު ނަމްބަރ 2003/1 ( ޖަމްޢިއްޔާތަކާބެހޭ ޤާނޫނު ) ގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅަމުންނުދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން ރާއްޖޭގައި ހިންގާ 1562 ޖަމްޢިއްޔާއަކުން 2020ގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ ކަމަށާއި ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާކަމަށް މިނިސްޓްރީންވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްޓަކައި، ގަވާއިދު ނަމްބަރ 2015/R-180 ( ޖަމްޢިއްޔާތަކުގެ ގަވާއިދު ) 46 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޖަމްޢިއްޔާތަކުގެ ރަޖިސްޓްރ އަށް ލިބިދޭ ބާރުގެ ދަށުން، އިތުރު ފުރުޞަތު ބޭނުންވާ ޖަމްޢިއްޔާތަކަށް އެ ފުރުޞަތު ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ގޮތުން ޖަމްޢިއްޔާތަކުން 30 ޖޫން 2021ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން “އިތުރު ފުރުޞަތަށް އެދި ހުށަހަޅާ ފޯމް” ހުށަހެޅުމަށް މިނިސްޓްރީންވަނީ އެދިފައެވެ. އަދި އިތުރު ފުރުޞަތަށް އެދި ހުށަނާޅާ ޖަމްޢިއްޔާތައް، ޖަމްޢިއްޔާތަކުގެ ދަފްތަރުން އުނިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް މިނިސްޓްރީންވަނީ ބުނެފައެވެ،
މީގެއިތުރުން މިނިސްޓްރީންވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ޖަމްޢިއްޔާތަކަކީ އެޖަމްޢިއްޔާއެއް ނިސްބަތްވާ ރަށަކަށާއި، އަތޮޅަކަށް އަދި މުޅި ޤައުމަށް ނުހަނު ފައިދާހުރި އަގުހުރި މަސައްކަތްތަކެއް ހިލޭ ސާބަހަށް ކުރަމުންގެންދާ ފަރާތްތަކެއްކަން ފާހަގަކޮށްފައެވެ،