English Edition
Dhivehi Edition

އިންޑިޔާ އެކްޒިމް ބޭންކްގެ އެހީގައި ހުވަދުއަތޮޅުގެ 6 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އިންޑިޔާ އެކްޒިމް ބޭންކްގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ލައިން އޮފް ކްރެޑިކް ފެސިލިޓީގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުތަކުގެ އެއްބަސްވުބްތަކުގެ ތެރެއިން ހުވަދުއަތޮޅުގެ 6 ރަށެއްގައި މި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް އެއްބަސްވެފައި ވަނީ ޓްރެވެނި އިންޖިނިޔަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާއި އެކުގައެވެ.

މި މަޝްރޫއުތައްް އެ ކުންފުންޏާއި ހަވާލުކުރީ ޖުމްލަ 22.8 މިލިއަން ދިވެހި ރުފިޔާއަށެވެ. މި އެއްބަސްވުމުގައިވާ ގޮތުން ގއ. ދާންދޫ، ގއ. ގެމަނަފުށި، ގއ. މާމެންދޫ އަދި ގދ. މަޑަވެލީގައި 20 މަސް ދުވަހުގެ މުއްދަތެއްގައި ފެނުގެ ނިޒާމު ޤާއިމުކޮށް ގދ. ހޯނޑެއްދޫ އަދި ގދ. ފަރެސްމާތޮޑާގައި 26 މަސް ދުވަހުގެ މުއްދަތެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެކުންފުނިން ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކޮށްދެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ. އަދި ޓްރެވެނި އިންޖިނިޔަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްދެއްވީ އެކުންފުނީގެ އެޑިޝަނަލް ޖެނެރަލް މެނޭޖަރ އޭ.ޑީ. ގުޕްތާއެވެ.

މި މަޝްރޫއުތަކުގެ ތެރެއިން ސަރވޭކުރުމުން ފެށިގެންގޮސް ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ވެގެންދާނީ މިރަށްރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހަ ކަމަކަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކޮށްދިނުމަކީ މިސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރަޢީސުލް ޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙް ވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.