English Edition
Dhivehi Edition

އައްޑޫސިޓީގެ ރައްޔިތުންނަކީ މައި ސަރުކާރަށް ސަލާން ނުޖަހާނެ ފަދަ ފުދުންތެރި ބަޔަކަށް ހަދާނެ ކަމަށް އައްޑޫސިޓީގެ މޭޔަރ ކަމަށް ކުރިމަތި ލައްވާ މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ. ގުޑްމޯނިން އައްޑޫސިޓީގެ ނަމުގައި އެފްބީ އަދި ޔޫޓިއުބް މެދުވެރިކޮށް ކުރިއަށްދާ ޕްރޮގްރާމްގައި މިއަދު ވާހަކަ ދައްކަވަމުން ލާމަރުކަޒީ ނިޒާމެއްގެ ޙަގީގީ ފައިދާ ރައްޔިތުންނަށް ފޯރާނީ ސެންޓްރަލް ގަވަމެންޓަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެވޭފަދަ ބަޔަކަށް ހެދިގެންކަން ފާހަގަ ކުރައްވަމުން އެކަން ޙާސިލް ކުރުމަށް އައްޑޫގައި އިންފްރާ ސްޓްރަކްޗަރ ޑިވެލޮޕްމަންޓް ކޯޕަރޭޝަނެއް އުފައްދަވާނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުން އޭނާއަށް މޭޔަރ ކަމުގެ މަޤާމް ދެއްވައިފިނަމަ އެކޯޕަރޭޝަން އުފައްދައި ރާއްޖޭގެ ޤާނޫނު އަސާސީގެ ރޫޙާއި އެއްގޮތްވާ ގޮތުގެ މަތިން ކަންކަން އަމިއްލައަށް ނިންމުމުގެ ޤާބިލްކަން ހޯދައިދީ ރައްޔިތުންނަށް ފައިސާގެ ތަނަވަސްކަން ހޯދައިދޭނެ ކަމަށް ވިދާޅުވިއެވެ.

އައްޑޫސިޓީގެ ރައްޔިތުން ސަލާން ޖަހަން ނުޖެހޭ ވަރަށް ބާރުވެރިކޮށް އަމާން ބަނދަރަކަށް ވާސިލް ކޮށްދިނުމުގައި އެކަމަށް މަސައްކަތް ކުރުމުގެ ޤާބިލްކަމާއި ވިސްނުމާއި ފިކުރު އަދި ތަޢުލީމު އެބަހުރިކަމާއި އެހެންކަމުން ރައްޔިތުން އޭނާއަށް އިތުބާރު ކުރެއްވުމަށް ލަތީފު އެދިވަޑައިގެންނެވިއެވެ.

މޭޔަރު ކަން ލިބިއްޖެ ނަމަ ކުރިއަށް އޮތް 5 އަހަރު އައްޑޫއަށް ގެންނާނެ ކަމަށް ލަތީފު ގިނަ ވަޢުދު ތަކެއް ވަމުން އަންނައިރު އޭގެ ތެރޭގައި މިވަގުތު ބަންދުކޮށްފައި އޮތް ޝަންގްރިއްލާ އާއި ކެނެރީފް އަލުން ހުޅުވާނެ ކަމަށާއި ވަޒީފާ ގެއްލިފައި ތިބި އައްޑޫގެ ރައްޔިތުންނަށް ވަޒީފާ އަނބުރާ ހޯދައިދޭނެ ކަމަށާއި ހުޅުދޫމީދޫ އާއި އައްޑޫގެ އެހެން އަވަށްތައް ބްރިޖަކުން ގުޅުވާލުމުގެ އިތުރުން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ބީޗު ހެދުން ފާހަގަ ކޮށްލެވެއެވެ.

އައްޑޫސިޓީ މަރަދޫފޭދޫއަށް އުފަން މުޙައްމަދު ލަތީފު އައްޑޫސިޓީގެ މޭޔަރ ކަމަށް ކުރިމަތި ލައްވާފައިވަނީ ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައެވެ. އޭނާއާއިއެކު އައްޑޫސިޓީގެ މޭޔަރ ކަމުގެ މަޤާމަށް ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓްގައި ނުކުންނެވި ކުރީގެ މަޖްލިސް މެންބަރ ޢަލީ ނިޒާރުއާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ މަޖްލިސް މެންބަރ އިބްރާހިމް ތާހިރުއެވެ.