English Edition
Dhivehi Edition
ރޭގެ މެޗުގައި ފުލަމް ކޮޅަށް ލަނޑުޖެހުމަށް މެންޗެސްޓާ ސިޓީގެ ފޯވާޑް ގެބްރިއެލް ޖެސޫސް އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ފުލަމް ބަލިކޮށް މެންޗެސްޓާ ސިޓީ އިން ތާވަލްގެ އެއްވަނައިގައި 17 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ. މި މެޗު ސިޓީން ކާމިޔާބުކުރީ 3-0 އިންނެވެ.

ރޭގެ މެޗުތަކަށް ފަހު ސިޓީ އެއްވަނައިގައި އޮތީ 30 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 28 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު, އޭގެ އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ. ހަތަރުވަނައިގައި އޮތް ޗެލްސީ އަށް 29 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ.

ފުލަމްގެ ކްރޭވަން ކޮޓެޖްގައި ރޭ ކުޅުނު މެޗަށް ސިޓީން ނިކުތީ ލީގުގައި އެންމެ ފަހުން ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، އާއްމުކޮށް އެ ޓީމުގެ ފުރަތަަމަ އެގާރައިގައި ގަވާއިދުން ކުޅެމުން އަންނަ ކެވިން ޑިބްރޭނާ އާއި ރިޔާދް މާރޭޒްގެ އިތުރުން އިލްކާއި ގުންޑޮގާން ބެންޗުގައި ހިމަނާފައިވާއިރު ރަހީމް ސްޓާލިން ސްކޮޑުގައި ވެސް ހިމަނާފައެއްނުވެއެވެ.

ފުލަމް އިން ރޭގެ މެޗުގެ ފުރަތަަމަ ހާފުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، މި ހާފުގައި ސިޓީ އަށް ލަނޑުޖެހުމަށް ލިބުނު އެންމެ ރަނގަޅު ދެ ފުރުޞަތުގައި ފެރާން ޓޮރޭޒް އާއި ބެނާޑޯ ސިލްވާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ފުލަމްގެ ކީޕަރު އަލްފޮންސޯ އަރެއޯލާ އެވެ. މި މެޗުގެ ފުރަތަަމަ ހާފު ނިމުނީ ދެ ޓީމަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

ސިޓީން ލީޑްނެގީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ޔާއޯ ކަންސޭލޯ ނަގައިދިން ހިލޭ ޖެހުމަކުން ލިބުނު ބޯޅައަކުން ޖޯން ސްޓޯންސް އެވެ. އޭގެފަހުން، މެޗުގެ 56 ވަނަ މިނެޓުގައި ފުލަމްގެ އިވާން ކަވަލޭރޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖެސޫސް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

މި މެޗުގައި ސިޓީން ޖެހި ތިންވަނަ ލަނޑު، މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއޭރޯ އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ސިޓީގެ ސްޕެއިން ވިންގާ ޓޮރޭޒަށް ފުލަމްގެ ޓޮސިން އަޑޮރާބިއޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރުމަށްފަހު ދާދިފަހުން ކުޅުމަށް އެނބުރިއައި އަގުއޭރޯ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުން ލީގުގައި ޖެހި ފުރަތަަމަ ގޯލެވެ.

ލީގުގައި ރޭ ޗެލްސީ ވަނީ ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފައެވެ. އަމިއްލަ ދަނޑުގައި ބާންލީ އަތުން 2-1 އިން އެވަޓަން ބަލިވިއިރު، ކްރިސްޓަލް ޕެލަސް ވަނީ ވެސްޓް ބްރޮމްވިޗް އެލްބިއަންގެ މައްޗަށް އަމިއްލަ ދަނޑުގައި 1-0 އިން ހޯދީ މުހިއްމު މޮޅާއެކު ރެލިގޭޝަން ޒޯނާއި ދުރަށް ޖެހިލާފައެވެ.