އައްޑޫސިޓީއަށް މިވަގުތު ބޭނުންވެފައިވަނީ ދަނޑުވެރިން އުފައްދާ ބާވަތްތައް މާކެޓް ކުރެވޭނެ ގޮތެއް ކަމަށް އައްޑޫ މޭޔަރ ކަމަށް ކުރިލައްވާ މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ޒޫމް މެދުވެރިކޮށް ލަތީފްގެ އަމިއްލަ ފޭސްބުކް އަދި ޔޫޓިއުބުން ގެނެސްދިން މޯނިންގ ޝޯވ ގައި ޕްރެޒެންޓަރ ޒިހުނަތު ޙަސަން ކުރެއްވި ސުވާލަކާއި ގުޅިގެން ލަތީފް ވިދާޅުވީ އައްޑޫސިޓީގެ ވަރަށް ގިނަ ދަނޑުވެރިންނާއި އޭނާ ބައްދަލު ކުރެއްވި ކަމަށާއި އެމީހުންގެ އިޙުސާސްތައް ވަރަށް ރަނގަޅަށް ދެނެގަނެވުނު ކަމަށެވެ.
“އަޅުގަނޑު ބައްދަލު ކުރި މީހުންގެ ދަނޑުބިން ތަކުގައި ހުސްޖާގަ ވަރަށް ބޮޑަށް އޮތުމުން އެހެންއެވާ ސަބަބު އޮޅުން ފިލުވިން. ދަނޑުވެރިން ބުނީ އެމީހުންގެ ދަނޑުތަކުގައި ރަށަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ތަރުކާރީ އާއި މޭވާ އުފެއްދޭނެ ކެޕޭސިޓީ އެބަހުރި ކަމަށާއި އެހެންނަމަވެސް އެތަކެތި ގަންނާނެ ބަޔަކު ނެތްކަމަށް”
ލަތީފު ވިދާޅުވީ އޭނާގެ މެނިފެސްޓޯގައި އެންމެ ފުރަތަމަ ކަމަކަށްވެސް ދަނޑުވެރިން އުފައްދާ ބާވަތްތައް މާކެޓް ކުރެވޭނެ ކޯޕަރޭޓިވްއެއް ޤާއިމް ކުރައްވާނެ ކަމަށެވެ. ސަރުކާރާއި ރައްޔިތުންގެ ޙިއްސާވެސް އޮންނަ ގޮތަށް އުފައްދާ މި ކޯޕަރޭޓިވް ވެގެންދާނީ ރަށާއި އަދި ރާއްޖެއަށް ތަކެތި ވިއްކުމުގެ އިތުރަށް ރާއްޖެއިން ބޭރަށްވެސް ދިވެހި އުފެއްދުންތައް މާކެޓް ކުރެވޭނެ ފަދަ ތަނަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ލަތީފް ސިލްސިލާކޮށް ކުރިއަށް ގެންދަވާ މޯނިން ޝޯވ ގައި އިއްޔެވަނީ އައްޑޫގެ މަސްވެރިކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އައްޑޫއިން އެން ލިބެން ދަތިވެ، ގޭސްފުޅި އަޅައިގެން ވަރަށް އަޑިން އެން ނަގަން ޖެހޭ މައްސަލަ ޙައްލުކޮށް އެކަމުގެ ތެރޭ މަސްވެރިންނަށް ލިބޭ އަނިޔާ އިން ސަލާމަތް މާނެ ވަސީލަތް ޤާއިމް ކުރައްވާނެ ކަމުގެ ވަޢުދު ވެވަޑައިގެންނެވުމާއެކު އޭނާ ވިދާޅުވީ އައްޑޫގެ އިޤްތިސާދީ މައިނާރެހަކަށް މަސްވެރިކަން ހައްދަވާނެ ކަމަށެވެ.