English Edition
Dhivehi Edition

މީދޫ އެކުވެރިންގެ ޗޭނާއި ލޭންޑް ސީ މޯލްޑިވްސް ގުޅިގެން އަންހެނުންގެ ދުވަހަށް ޚާއްޞަކޮށް “އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރި ކުރުވުން” މި މަޢުޟޫއަށް ޕެނަލް ޑިސްކަޝެނެއް ބާއްވައިފިއެވެ.

މިހިނގާ މަރިޗް މަހު 11ވަނަ ދުވަހުގެ ރޭ ބޭއްވި މި ޕެނަލް ޑިސްކަޝަންގެ މޮޑެރޭޓާއަކީ އަލްފާޟިލް ނަޒީފް އެވެ.

ޕެނަލިސްޓުންގެ ގޮތުގައި ވާހަކަ ދައްކަވާފައި ވަނީ ލޭންޑް ސީ މޯލްޑިވުސްގެ ޑިވެލޮޕްމެންޓް އެޑްވައިޒާ އަލްފާޟިލް އިބްރާހިމް މުޙައްމަދު، މީދޫ އެކުވެރިންގެ ޗޭނުގެ ރައީސާ އަލްފާޟިލާ ޝައްފާފް ރިޟްވާން، މާލޭ ޓިނޭންޓްސް ޔޫނިއަންގެ ކޯ ފައުންޑާރ އަލްފާޟިލާ ފާޠިމަތު ސާއިރާ އަދި ކުޅުދުއްފުށީ ބިޒްނަސް ސެންޓާރގެ މެނޭޖާރ އަލްފާޟިލާ އަރީސާ މޫސާ އެވެ.

މަޢުޟޫއާއި ގުޅޭގޮތުން ބައިވެރިން ފާޅުކުރެއްވި ޚިޔާލާއި ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރި ކުރުމަށް ޕޮލިސީ ލެވެލްއިން ބާރުލިބެންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަނގަ ކުރެއްވިއެވެ. މީގެ އިތުރުން އަންހެނުންގެ އިޤްތިޞާދީ ދައުރުގެ އަގު ވަޒަންކޮށް ބަލައިގަންނަންޖެހޭ ކަމަށާއި، އަންހެނުންނަށް ޚާއްޞަކުރެވިގެން ދެވޭ ލޯންތައް ލިބެން އޮތުމާއި، ފުރުޞަތުތަކެއް އޮވެގެން މަސައްކަތް ކުރިނަމަވެސް މަސައްކަތްކޮށްގެން އުފައްދާ ތަކެތި (މިސާލަކަށް ދަނޑުވެރިކަމުގެ އުފެއްދުންތައް) މާރކެޓް ކުރެވޭނެ ފަސޭހަ މަގެއް ފަހިވެފައި އޮންނަންޖެހޭ ކަމަށްވެސް އެ ފަރާތްތަކުން ފާހަނގަ ކުރެއްވިއެވެ.

މީގެ އިރުތުން މަސައްކަތް ކޮށްގެން ލިބޭ އާމްދަނީ އިތުރުކޮށް ކުރިއަރާނެ މަގުފަހި ކޮށް ދިނުމުގެ ގޮތުން ޓެކްނިކަލް ގޮތުންނާއި އަދި އިތުރު ރޮނގުރޮނގުން މަސައްކަތް ކުރިއަރުވަން ބޭނުންވާ ތަމްރީނުތައް ފަސޭހަކަމާއެކު ލިބެންޖެހޭ ކަމަށާއި، ރިސޯޓްތަކުގެ ޑިރެކްޓް ސާވިސް ނޫން ބައެއް މަސައްކަތްތަށް ރިސޯޓުން ބޭރު ރަށްރަށުގައި ޤާއިމްކޮށް ހިންގައި ވަޒީފާގެ ފުރުޞަތު ލިބޭނެ މަގު ފަހިވެފައި އޮތުން މުހިންމު ކަމަށް ބައިވެރިން ވިދާޅުވިއެވެ. މީގެ އިތުރުން ކޮމިއުނިޓީތަކުން ރިސޯޓްތަކާއި ގުޅިގެން ކުރިޔަށް ގެންދެވޭނެ ހަރަކާތްތައް ރާވައި ހިންގާނެ ފުރުޞަތު ފަހިވެފައި އޮންނަންޖެހޭ ކަމަށްވެސް ޕެނަލިސްޓުން ފާހަނގަ ކުރެއްވި އެވެ.

އެއްގަޑި އިރަށް ކުރިޔަށް ގެންދިޔަ މި ޕެނަލް ޑިސްކަޝަންގައި ބައިވެރިންގެ ވާހަކަ ނިމިގެން ދިޔައިރު ބައިވެރިން ފާހަނގަ ކޮށްފައިވަނީ އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރި ކުރުމަށް ޤާނޫނަކުން ބާރުލިބިގެން ކަންތައްތަކެއް ރޭވިއްޖެ ނަމަ އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިވެ ކުރިއަރާނެ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

މީދޫ އެކުވެރިންގެ ޗޭނަކީ މީދޫގެ އަންހެނުން ބާރުވެރިކުރުމާއި ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރާ ހީވާގި ޖަމިއްޔާއެކެވެ.