English Edition
Dhivehi Edition

ހުވަދޫ ސުވިމިން ކުލަބާއި ދިވެހި މަސްވެރިންގެ ޖަމްޢިއްޔާ ގުޅިގެން ގއ ގެމަނަފުށީގައި ކުރިއަށްގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގުރާމްގައި ގެމަނަފުށީގެ 116 ފަރާތަކަށް ފަތަން ދަސްކޮށްދީފިއެވެ.

އޭއޯނިއުސް އަށް މައުލޫމާތު ދެމުން ދިވެހި މަސްވެރިންގެ ޖަމިއްޔާގެ ރައީސް އަޙުމަދު ޝާފިޢު ވިދާޅުވީ، ހުރިހާ އުމުރުފުރާއަކަށް ޚާއްސަކޮށްގެން ބޭއްވި މި ޕުރޮގުރާމްގައި ގެމަނަފުށީސުކޫލްގެ ސަތޭކަސާޅީސް ފަސް ދަރިވަރަކަށް ފަތަން ދަސްކޮށްދިނުމުގެ ކުލާސް ތަކެއް ބޭއްވުނުކަމަށެވެ.

ޖުމްލަ 9 އިންސްޓްރަކްޓަރުން ތަމްރީނު ކުރުމަށް ފަހު ހިންގި މި ޕްރޮގްރާމްގައި 102 ކުއްޖަކަށް ވަނީ މުޅިން އަލަށް ފަތަން ދަސްކޮށްދީފައެވެ. އޭގެއިތުރުން 28 ކުއްޖަކަށް 4 ވައްތަރުގެ ފެތުމެއް ދަސްކޮށް ދީފައިވާއިރު ގެމަނަފުށީގެ ރައްޔިތުންނާއި ބެލެނިވެރިންނަށް ޚާއްސަކޮށްގެން ހުޅުވާލި ފުރުސަތުގައި 14 ކަނބަލަކު މި ޕްރޮގްރާމް ފުރިހަމަ ކޮށް ފަތަން ދަސްކުރި ކަމަށް ޝާފިޢު ވިދާޅުވިއެވެ.

19 ފެބްރުއަރީ 2021 އިން ފެށިގެން 11 މާރޗް ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހުގެ އިތުރުން އެ ޖަމިއްޔާއިން ވަނީ މި ޕްރޮޖެކްޓްގެ ދަށުން ގއ އަދި ގދ ގެ 32 ކަނޑު އޮޅިއަށް ޑައިވްކޮށް މަޢުލޫމާތު އެއްކޮށްފައެވެ. މީގެ އިތުރުން ގެމަނަފުށީގެ ފަރު ދިރާސާކުރުމުގެ ‘ރީފުޗެކް’ ކޯހެއް ކުރިއަށް ގެންގޮސް 8 ބައިވެރިއަކަށް ރީފްޗެކް ލައިސަންސް ވެސް ވަނީ ދީފައެވެ.

ފަތަން ދަސްކޮށްދިނުމުގެ ޕްރޮގުރާމް ކާމިޔާބުކަމާއި އެކު ނިންމާލުމަށްފަހު ހުވަދޫ ސުވިމިން ކުލަބުގެ ފަރާތުން ވަނީ ގެމަނަފުށީ ގައި ސުވިމިން ކުރިއެރުވުމަށް ހިއްވަރު ދިނުމުގެ ގޮތުން ފަތަން ދަސްކޮށްދޭން ބޭނުންވާ ސާމާނު އެރަށަށް ހަދިޔާ ކޮށްފައެވެ. މިއީ، ސުވިމިންކުލަބުގެ ފަރާތުން ގއ އަތޮޅުގައި ފަތަން ދަސްކޮށްދިނުމަށް ބޭއްވުނު ފުރަތަމަ ޕްރޮގްރާމެވެ.