English Edition
Dhivehi Edition

ގދ. ތިނަދޫގައި ޤާއިމްކުރާ ޕޯޓާއި ގުޅިގެން ފަޅު ފުންކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރު އެސަރަޙައްދުން ނެގުމަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އިން އަންގައިފިއެވެ.

ތިނަދޫގައި ޤާއިމްކުރާ ސަރަޙައްދީ ބަނދަރާއި ގުޅިގެން އެމް.ޓީ.ސީ.ސީ އިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެސަރަޙައްދުގެ ފަޅު ފުންކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރު ނެގުމަށް އަންގާފައިވަނީ ތިނަދޫ ދެކުނު ސަރަޙައްދު ޖެޓީގެ ކޯސްޓްގާޑަށް ޚާއްސަކުރެވިފައިވާ ޞަރަޙައްދުން ފެށިގެން ގޭސްޕްލާންޓް ކުރިމަތީގެ ޖެޓީ އާއި ދެމެދު ހިމެނޭ ސަރަޙައްދެވެ.

މި މަސައްކަތް ކުރުމަށް އެ ސަރަހައްދު ހުސްކުރުމަށް ހަމަޖެހިފައިވަނީ 12 މާރިޗް ވާ ހުކުރު ދުވަހުން ފެށިގެން 14 މާރޗް ވާ އާދިއްތަ ދުވަހުގެ ހެނދުނުގެ ނިޔަލަށެވެ. އެހެންކަމުން އުޅަނދުފަހަރު 12 މާރިޗް 2021 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެސަރަޙައްދުން ނެގުމަށް ތިނަދޫ ކައުންސިލުން ވަނީ އާއްމުކޮށް އަންގާ އިއުލާނުކޮށްފައެވެ.

ތިނަދޫގައި ދޮންވެލި ޖެޓީގެ ގޮތުގައި މަޝްހޫރު ވެފައިވާ އެސަރަހައްދަކީ ގިނަ ބަޔަކު މަސްވެރިކަމަށް ބޭނުންކުރާ ކުދި އުޅަނދުފަހަރު އަޅާފައިވާ ޖެޓީއެކެވެ.