English Edition
Dhivehi Edition
ވާރޭފެނުގެ ނިޒާމް ރަސްމީކޮށް ފެނަކަ ކޯޕަރޭޝަންއާއި ހަވާލްކުރަނީ....ފޮޓޯ:- އަތޮޅު ކައުންސިލް ޕޭޖުން.

ހުވަދު އަތޮޅު އުތުރު ބުރީ ކޮނޑޭގައި ޤާއިމްކުރާ ވާރޭ ފެނުގެ ނިޒާމު މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު ޑޮކްޓަރ ޙުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުން ގއ. ކޮނޑޭގައި ގާއިމްކޮށްފައިވާ ވާރޭ ފެނުގެ ނިޒާމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ފެނަކަ ކޯޕްރޭޝަންލިމިޓެޑާއި އެވެ.

މިކަމަށްޓަކައި ކޮނޑޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެންވަރަމެންޓް ޑރ ހުސެއިން ރަޝީދުއެވެ.

މިރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މިއަހަރު ނިމުމުގެ ކުރިން މި މަޝްރޫޢުގެ މަސައްކަތް ނިންމާނެ ކަމަށާއި، މި މަޝްރޫޢުގެ އިތުރުން އެރަށުގައި ސޯލާ ޖެހުމުގެ މަސައްކަތްވެސް މިއަހަރު ފެށިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ދެ މަޝްރޫޢަކީވެސް ދިވެހި ސަރުކާރާއި، ޔޫއެންޑީޕީ އާއި ގްރީން ކްލައިމެޓް އާއި އެކު ކުރިޔަށް ގެންދަވާ މަޝްރޫއެވެ.

މިރަސްމިއްޔާތުގައި ކޮނޑޭ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މިއަދަކީ ތާރީޚީ ދުވަހެއް ކަމަށާއި، ކޮނޑޭގެ ތާރީޚުގައި މިއިން ދުވަހަކުވެސް ނުދެކޭފަދަ ތަރައްޤީއާއި ކުރިއެރުން މިއަދު ލިބެން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ކޮށްދެއްވަން ކަނޑައަޅާފައިވާ ކަންކަން ރަނުން ރަނަން ކޮށްދެއްވާނޭ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އޭނާ އެރުވިއެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި ވަނީ ހުވަދު އަަތޮޅު ، ކޮނޑޭ، މާމެންދޫ ، ނިލަންދޫ އަށް ވަޑައިގެން އެރަށްރަށުގައި ޤާއިމް ކޮށްފައިވާ ވާރޭ ފެނުގެ ނިޒާމުގެ މަސައްކަތް ފެނަކަ ކޯޕްރޭޝަންއާއި ޙަވާލު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ހުވަދު އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ވަޑައިގެންފައެވެ. އެމަނިކުފާނުގެ އަރިހުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ އިސްވެރިންނާއި އަދި ދާއިރާ ތަކުގެ މެންބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.