English Edition
Dhivehi Edition

ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރ، ޝްރީ ރޯހިތު ރަތީޝް، އައްޑޫ ސިޓީގެ މޭޔަރ، ޢަބްދުﷲ ޞާދިޤާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އީކުއޭޓަރ ވިލެޖުގައެވެ.

މި ބައްދަލުކުރެއްވުމުގައި މޭޔަރ ވަނީ ކޮވިޑް-19 އާ ގުޅިގެން އައްޑޫގެ އެންމެ ފަހުގެ ޙާލަތާ ގުޅޭ މަޢުލޫމާތު ޑެޕިއުޓީ ހައި ކޮމިޝަނަރާ ޙިއްސާކުރައްވައިފައެވެ.

Advt

Advertisement

މިއަދުގެ ބައްދަލުވުމުގައި، އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އައްޑޫގައި ޢިމާރާތްކުރަމުންދާ ޕޮލިސް ޓްރެއިނިންގ އެކެޑެމީއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. މިގޮތުން އެކެޑެމީގެ މިހާރު ނުނިމި ހުރި މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުމާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރެއްވިއެވެ. މިގޮތުން 29 މާރިޗު 2021 ވަނަ ދުވަހު ޕޮލިސް އެކެޑެމީ ހުޅުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ޑެޕިއުޓީ ހައި ކޮމިޝަނަރ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ހައި ކޮމިޝަނަރ ވިދާޅުވީ، އިންޑިއާގެ އުއްމީދަކީ އައްޑޫގައި އަޅާ ޓްރެއިނިންގ އެކެޑެމީ އަކީ ފުލުހުންގެ ޓްރެއިނިންތަކަށް ބޭނުންކުރުމުގެ އިތުރުން، އައްޑޫގެ އެންމެހައި ރައްޔިތުންނަށްވެސް ބޭނުންތެރި ތަނަކަށް ވެގެންދިއުން ކަމަށެވެ.

މީގެ އިތުރުން، އެކެޑެމީގެ ގާތްގަނޑަކަށް 89% މަސައްކަތް މިހާރު ނިމިފައިވާ ކަމުގައި ހައި ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި، ކުރިއަށް ރާވާފައިވާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރ، ޝްރީ ރޯހިތު ރަތީޝް، އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ފުރާވަޑައިގަންނަވާނެއެވެ.