English Edition
Dhivehi Edition

“ކޯކް ޓު ހޯމް” ގެ ނަމުގައި ކޮކާކޯލާގެ ޕްރޮޑަކްޓްތަކަށް އޯޑަރުކޮށް ފައިސާ ދެއްކޭ އެޕްލިކޭޝަނެއް ލޯންޗުކޮށްފިއެވެ.

އެޕަލް އެޕް ސްޓޯރް އަދި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭ މި އެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ މިއަދު ހަވީރު ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އާޓްގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި “ކޯކް ޓު ހޯމް” މޮބައިލް އެޕްލިކޭޝަން ތައާރަފުކޮށްދެއްވީ އިކޮމިކް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު އެވެ.

މި ރަސްމިއްޔާތުގައި އާދަމް ވިދާޅުވީ ކޯކުގެ މި އެޕްލިކޭޝަންގެ ސަބަބުން ހިދުމަތް ލިބުން އަވަސްވުމުގެ އިތުރުން ތިމާވެއްޓަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު މިލިންދް ޑެރަސާރީ، ވިދާޅުވީ މިއަދު އިފްތިތާހް ކުރި އެޕްލިކޭޝަނަކީ ކޮކާކޯލާ ކުންފުނިން ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ރަނގަޅުގޮތުގައި ބެނުންކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިޔަށް އެޅުނު އިތުރު ފިޔަވަޅެއްކަމަށެވެ.

މިލިންދް ވިދާޅުވީ އޯޑަރު ކުރުމަށް ދެން ގުޅަން ނުޖެހޭނެ ކަމަށާއި ކިއުގައި ނުހުރެ އެޕްލިކޭޝަން ބޭނުންކޮށްގެން ފަސޭހަކަމާއެކު ކޮކާކޯލާ ކުންފުނީގެ ހުރިހާ އުފެއްދުންތަކަށް އޯޑަރު ކޮށްލެވޭނެ ކަމަށެވެ.

އެމް.އޭ.ޑަބްލިޔު.ސީ އިން ހާމަކުރި ގޮތުގައި އެޕްލިކޭޝަން މެދުވެރިކޮށް އޯޑަރު ކުރުމުން މާލޭގައި 24 ގަޑި އިރުގެ ތެރޭގައި ހިލޭ ޑެލިވަރީކޮށްދޭނެއެވެ.

އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކޭ ގޮތަށެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދުގެ ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފައެވެ.

އެޕްލިކޭޝަން މެދުވެރިކޮށް އޯޑަރު ކުރުމަށް “ކޯކް 2 ހޯމް” އެޕްލިކޭޝަން ފޯނަށް ޑައުންލޯޑްކޮށް، ރަޖިސްޓްރީކޮށްލަށްވަން ޖެހިވަޑައިގަންނަވާނެއެވެ.

އެޕްލިކޭޝަންގައި ހިމެނޭ ހާއްސަ އެއް ފީޗާއަކީ “ސެޓް ރިމައިންޑާ” އެވެ. އެ ފީޗާގެ ސަބަބުން އޯޑަރު ކުރި ޕްރޮޑަކްޓްސް ހުސްވާން ކައިރިވުމުން ހިޔާރު ކުރައްވާ ދުވަހަކަށް ރިމައިންޑާ ލިބިވަޑައިގަންނަވާނެއެވެ.

މި އެޕްލިކޭޝަން ބޭނުންކޮށް އޯޑަރު ޑެލިވާކޮށްދެނީ ހަމައެކަނި މާލޭ ސިޓީއަށް އެކަނިކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ޚިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމަށް މަސައްކަތް ކުރާކަމަށް ކޮކާކޯލާ ކުންފުނިން ބުންޏެވެ.

ޓެގު