English Edition
Dhivehi Edition

ޔުއެފާ ޔޫރޯ 2020އާ ދިމާކޮށް “ކޮކާ ކޯލާ ޔޫރޯ 2020″ގެ ނަމުގައި ބައިވެރިއަކާއެކު، 10 ފަރާތަކަށް ޔޫރޯގެ މެޗެއް ބަލާލަން ޔޫރަޕަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ، ކޮކާކޯލާއިން ފަށައިފިއެވެ.

މި ޕްރޮމޯޝަނުގައި ކޯކު ފުޅީގެ މަތިގަޑުގައިވާ ހާއްސަ ނަންބަރު އެސްއެމްއެސް ކޮށްގެން މިއަހަރުގެ ޖޫން މަހު ފަށާ ޔޫރޯ މުބާރާތުގެ މެޗެއް ލައިވްކޮށް ބަލާލަން ދިޔުމުގެ ފުރުސަތު ލިބިގެން ދެއެވެ.

ކޮކާ ކޯލާއިން އިންތިޒާމުކޮށްގެން އެފްއޭއެމްއާއި މޯލްޑިވްސް ސޮކާ މޭޓްސް ގުޅިގެން އިއްޔެ ކުޅުނު ލެޖެންޑް ކަޕުގެ މެޗު ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮމޯޝަން ލޯންޗް ކުރީ ކޮކާ ކޯލާ ކުންފުނީގެ ސަރަހައްދީ ޖެނެރަލް މެނޭޖަރު މިލިންޑް ޑެރަސާރިއާ އެވެ.

ޕްރޮމޯޝަން

މި ރަސްމިއްޔާތުގައި މިލިންދު ވިދާޅުވީ ޕްރޮމޯޝަންގައި ބައިވެރިވެގެން ގްރޭންޑް ޕްރައިޒްގެ ގޮތުގައި ގުރުއަތުން ހޮވޭ 10 ފަރާތަކަށް، އިތުރު ފަރާތަކާއެކު ޔޫރޯގެ މެޗެއް ބަލާލުމަށް އަޔަލެންޑަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެ ދަތުރުގެ ހުރިހާ ހަރަދެއް ދޭނީ ކޮކާ ކޯލާއިންކަމަށާއި މި އިނާމަށް ގުރުއަތުލުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއަކު ކޮންމެވެސް އެއް ފަރާތަކަށް ކަމަށް މިލިންދު ވިދާޅުވިއެވެ. ހަމަ މިއާއެކު ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ކޮންމެ ވެސް އެއް ފަރާތަކަށް ހާއްސަ އިނާމެއް ލިބޭނެ ކަމަށް ވެސް މިލިންދު ވިދާޅުވިއެވެ.

“ރަން ކުލައިގެ މަތިގަނޑެއް ޖަހައިފައި ހުރި 300، 500 އަދި 1.5 ލީޓަރު ކޮންމެ ފުޅިއެއްގެ މަތިގަނޑު ދަށުގައިވާ ހާއްސަ ކޯޑު 2626 އަށް މެސެޖް ކޮށްގެން ގުރުއަތުން ހޮވޭ 10 ފަރާތަކަށް އިތުރު ބައިވެރިއަކާ އެކު ޔޫރޯގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭނެ،” ކޮކާ ކޯލާގެ ސަރަހައްދީ މެނޭޖަރު މިލިންޑް މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނަސީބުވެރި 10 ފަރާތަކަށް ބައިވެރިއެއް ގޮވައިގެން ބަލާލަން ދާން ފުރުސަތު ދޭނީ ޔޫރޯގެ ދެވަނަ ބުރުގެ މެޗެއް ކަމަށާއި އެ މެޗު ކުޅޭނީ އަޔަލެންޑުގެ ޑަބްލިންގައި ކަމަށެވެ. މީގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި ނަސީބުވެރި ފަރާތްތަކަށް އައިފޯން 11 އާއި އެލްއީޑީ އެޗްޑީ ޓީވީގެ އިތުރުން ޔޫރޯގެ އޮފިޝަލް ބޯޅަ ވެސް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކޮކާ ކޯލާއިން ވަނީ ބުނެފަ އެވެ.

އެފްއޭއެމް ޓާފުގައި ކުރިއަށްދިޔަ އެ ރަސްމިއްޔާތުގައި މިލިންޑްގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އަދި މިއަދުގެ މެޗުގައި ވާދަކުރާ ލެޖެންޑް ދެ ޓީމުގެ ކެޕްޓަނުން ކަމަށްވާ އައްސަދު އަބްދުލް ޣަނީއާއި އިސްމާއިލް އަނިލްގެ އިތުރުން މޯލްޑިވްސް ސޮކާ މޭޓްސްގެ ރައީސް ހަސަން މަނިކް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.