English Edition
Dhivehi Edition

ރަޝިޔާގައި ކުރިއަށްދާ ވޯލްޑްކަޕް ބަލާލުމަށް ކޮކާކޯލާގެ ހަރަދުގައި ރަޝިޔާއަށްދިޔަ ފަހު ބެޗު އިންގްލޭންޑާއި ކޮލަމްބިއާ ބައްދަލުކުރާ މެޗް ބެލުމަށް ތައްޔާރުވެއްޖެއެވެ.

އެ މީހުން ބެލުމަށް ހަމަޖެހިފައި ވަނީ މިރޭ ރާއްޖޭ ގަޑިން 23:00 ގައި ކުޅޭ އިންގްލޭންޑް އާއި ކޮލަމްބިއާ މެޗު ކަމަށް ކޮކާކޯލާ އިން ބުނެ އެވެ.

ކޮކާކޯލާގެ ފަރާތުން ވޯލްޑްކަޕް ބަލާލުމަށް މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު 10 މީހުން ރަޝިޔާއަށް ދަތުރުކޮށް ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް އާއި ޓިއުނީޝިޔާ ބައްދަލުކުރި މެޗުވެސް ވަނީ ބަލާލާފައެވެ.

ވޯލްޑް ކަޕާ ދިމާކޮށް ކޮންމެ އަހަރަކުވެސް ކޮކާކޯލާއިން މިފަދަ ޕްރޮމޯޝަންތައް ކުރިއަށް ދާއިރު މިފަހަރު ފޮނުވި ގުރޫޕުގައި 20 ދިވެއްސަކު ހިމެނެއެވެ. ވޯލްޑް ކަޕް ބެލުމަށް ކޮކާކޯލާއިން ރަޝިޔާއަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ބައެއް ނޫސްވެރިންނާއި ކޮކާކޯލާގެ ޕާޓްނަރު ފިހާރަތަކުގެ އޮފިޝަލުންގެ އިތުރުން ކޮކާ ކޯލާ އިން ކުރިއަށް ގެންދިޔަ “ވޯލްޑް ކަޕް ފިއެސްޓާ”ގެ ނަސީބުވެރިންގެ ތެރެއިން ބައެއް މީހުންނެވެ.

މިރޭގެ މެޗް ބެލުމުގެ އިތުރުން ރަޝިއާގެ މުހިންމު ތަންތަން ބަލާލުމުގެ ޓުއާއެއް އެމީހުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ ކުރިން މި މަހުގެ 21 ވަނަ ދުވަހު ވެސް ކޮކާ ކޯލާ އިން ވަނީ، ދިޔަ މާޗް އަދި އޭޕްރީލް މަހު ކުރިއަށް ގެންދިޔަ “ވޯލްޑް ކަޕް ފިއެސްޓާ” ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް ހޮވުނު މީހުންގެ ތެރެއިން 10 މީހަކު ރަޝިޔާ އަށް ފޮނުވައިފަ އެވެ.

އެ ޕްރޮމޯޝަނުގެ ގުރުއަތުން ހޮވުނު ކޮންމެ މީހަކާ އެކު އިތުރު މީހަކު ގެންދިއުމުގެ ފުރުސަތު ވެސް ކޮކާކޯލާ އިން ވަނީ ދީފަ އެވެ.