ސޮސައިޓީ ފޮރ ވާދޫ ޔޫތު އިން އިންތިޒާމް ކޮށްގެން ރައުހަތު ސްޕޯރޓްސް އެކެޑަމީ އާއި ކާއްޑޭ ސްޕޯރޓްސް އެކަޑަމީ ގުޅިގެން ގދ. ވާދޫގައި ފުޓްބޯލް ޓްރެއިނިންގ ކޭމްޕެއް ފަށައިފިއެވެ.
ރައުހަތު ސްޕޯރޓްސް އެކެޑަމީ އާއި ކާއްޑޭ ސްޕޯރޓްސް އެކަޑަމީ ގުޅިގެން ހިންގާ ސްޕޯރޓްސް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ތެރެއިން މި ފުޓްބޯޅަ ޓްރެއިނިންގ ކޭމްޕް ފަށާފައިވަނީ މިއަދު ގދ. ވާދޫގައެވެ. އުމުރުން 4 އަހަރާއި 15 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ މި ކޭމްޕް ކުރިއަށްދާނީ ދިހަ ދުވަހުގެ މުއްދަތަކަށެވެ.
މި ޕްރޮގްރާމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ކާއްޑޭ ސްޕޯރޓްސް އެކަޑަމީގެ ޑިރެކްޓަރ އާދަމް ލަރީފް (ރޮނާ) ވިދާޅުވީ މި ކޭމްޕަކީ ޤައުމީ ފެންވަރުގައި ކުޅޭނެ ކުޅުންތެރިންތަކެއް އުފެއްދުމުގެ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އިތުރަށް މި ޕްރޮގްރާމާއި ބެހޭގޮތުން މަޢުލޫމާތު ދެމުން ކާއްޑޭ ސްޕޯރޓްސް އެކަޑަމީގެ ރަޢީސް އަޙްމަދު ހާތިމް ވިދާޅުވީ މި ޕަރޮގްރާމް ނިމިގެންދާއިރު ކުދިންގެ އަޙުލާގަށް ރަނގަޅު ބަދަލުތަކެއް އައިސްގެންދާތަން ފެނިގެންދާނެ ކަމަށެވެ.
މި ޕްރޮގްރާމުގައި 50 ދަރިވަރުން ބައިވެރިވެފައިވާ ކަމަށާއި ވާދޫއިން ޤައުމީ ފެންވަރުގެ ހުނަރުވެރި ކުޅުންތެރިންތަކެއް މި ޕްރޮގްރާމުގެ ތެރެއިން އުފެދިގެންދާނެ ކަމަށް ރައުހަތު ސްޕޯރޓްސް އެކެޑަމީގެ ރައީސް ހުސައިން ރައުހަތު ގުދުރަތުﷲ ވިދާޅުވިއެވެ.
ރައުހަތު ސްޕޯރޓްސް އެކެޑަމީ އަކީ ހިލޭސާބަހަށް އެތްލެޓިކްސް ދާއިރާއިން ދަރިވަރުން ތަމްރީންކޮށް ކުޅިވަރު ކުރިއަރުވަން މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެތްލެޓިކްސްގެ އިތުރުން އެހެނިހެން ކުޅިވަރުތަކަށް ފިޒިކަލް ފިޓްނެސް ޕްރޮގްރާމްތައް ވެސް އެ ޖަމްއިއްޔާއިން ކުރިއަށްގެންދެއެވެ. އެ ޖަމިއްޔާއިން ތަމްރީން ހާސިލްކޮށްފައިވާ ގިނަ އެތުލީޓުން ގައުމީ އެތްލެޓިކްސް ޓީމްގައި ހިމެނެއެވެ.