ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫސިޓީގެ މޭޔަރު ކަމުގެ މަގާމަށް ހޮވިއްޖެނަމަ އައްޑޫސިޓީގެ އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ޕީޕީއެމްގެ ޓިކެޓުގައި އައްޑޫސިޓީގެ މޭޔަރަކަށް ވާދަކުރައްވާ މުހައްމަދު ލަތީފް (ވޮލީ ލަތީފް) ވިދާޅުވެއްޖެއެވެ.
ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ އަންހެނުންގެ ދުވަހާއި ގުޅިގެން މިއަދު ލަތީފް ވިދާޅުވީ އަންހެނުންނަކީ މުޅި މުޖްމަތަޢުގެ ދެބައިކުޅައެއްބައި ކަމުގައި ވީހިނދު، އަންހެނުންނަށް ދޭންޖެހޭ ޙައްޤު މަޤާމާ ދައުރު އޭގެ އެންމެ ފުރިހަމަގޮތުގައި ލިބިނުދީ އެއްވެސް މުޖްތަމަޢެއް ތަރައްޤީވެ ކުރިއެއް ނާރާނެކަމަށެވެ. އަދި ކޮންމެ އިންސާނަކަށްމެ އެންމެ ޅަފަތުގައި ބޭނުންވާ އެންމެ އަސާސީ ވާގިވެރިކަމަކީ މައިވަންތަކަމުގެ ލޯބިކަމުގައި ވީހިނދު އަދި ކޮންމެ ޢާއިލާއެއްމެ ކާމިޔާބުކަމާއެކު ދެމިއޮންނާނީ އަނބީންގެ ފުރިހަމަ އެއްބާރުލުމާ ދައުރާއެކު ކަމުގައިވީހިނދު، އަންހެން ކަނބަލުންގެ ޙައްޤުތަކާމެދު ކުޑަނަމަވެސް އިހުމާލެއްވުމަކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ލަތީފް ވިދާޅުވިއެވެ.
” އައްޑޫސިޓީގައި ތަޢުލީމީ އަދި ތަފާތު އެތައް ހުނަރެއްގެ އަހުލުވެރި އަންހެން ކަނބަލުން ގިނަ. އިރާދަކުރެއްވިއްޔާ އައްޑޫސިޓީގެ މޭޔަރުކަމަށް އަޅުގަނޑަށް ލިބޭ ފުރުޞަތުގައި އަންހެނުން ބާރުވެރިކުރުވުމަށް ޚާއްޞަ ސަމާލުކަމެއް ދޭނަން. . ވަޒީފާއާ މަސައްކަތުގެ ފުރުޞަތު ކަނބަލުންނަށްޓަކައި ފަހިކުރާނަން. ތަފާތު އެކި ހުނަރުތަކާ މަސައްކަތްތައް ކަނބަލުންނަށް ދަސްކޮށްދިނުމާ، އަމިއްލަ ވިޔަފާރި ފަށައި ބާރުވެރިކުރުވުމުގައި އަންހެން ކަނބަލުންނަށް އަމާޒުކޮށް ޚާއްޞަ މަޝްރޫޢުތައް ހިންގާނަން” ލަތީފް ވިދާޅުވިއެވެ.
މީގެ އިތުރުން ލަތީފް ވިދާޅުވީ މޭޔަރ ކަމަށް ހޮވިއްޖެނަމަ ކުދީން ބަލަން އެހީތެރިވުމަށްޓަކައި ޑޭކެއަރ ސެންޓަރުތަކުގެ ޚިދުމަތް މުޅި އައްޑޫ ސިޓީގައި ޤާއިމުކުރާނެކަމަށާއި ދޮށީ ޢުމުރުގެ އަންހެން ކަނބަލުންނަށާ އެކަނިވެރިމައިންނަށް އަޅައިލާ އެހީތެރިކަން ދެވޭނެ އިޖްތިމާޢީ ރައްކައުތެރިކަމުގެ ޚާއްޞަ ނިޒާމެއްވެސް ސިޓީގެ ފެންވަރުގައި ޤާއިމުކުރާނެ ކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ޙަރަކާތްތައް އިތުރުކޮށް، އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާ ޖަމާޢަތްތައް ގިނަކޮށް، އައްޑޫސިޓީ ހިންގުމުގައި ކަނބަލުންގެ ސީދާ މަޝްވަރާއާ ޚިޔާލު ހޯދުމަށް ޚާއްޞަ ތިންކްޓޭންކެއް ސިޓީގެ ފެންވަރުގައި ޤާއިމުކުރާނެކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކުޅިވަރުގެ މައިދާނުގައި އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ފުރުޞަތުތައް ފަހިކޮށް ކުޅިވަރުކުޅޭ ތަންތަން އިތުރުކޮށް ތަޢުލީމީ އެކި ރޮނގުތަކުގައި ކުރިއަށްދާ އަންހެން ދަރީންނަށް ޚާއްޞަކޮށްގެން ސިޓީ ސްކޮރލަރޝިޕްތަކެއް ހުޅުވައިލާނެ ކަމަށް ވެސް ލަތީފް ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑު އެދެނީ އައްޑޫސިޓީގެ ކޮންމެ އަންހެން ކަނބަލަކަށްމެ ފާގަތިކުރިމަގެކެވެ. މުޖްތަމަޢާ ޢާއިލާތައް ބިނާކުރުމުގައި ތިޔަކުރައްވަވާ ހީވާގި މަސައްކަތްޕުޅާ މުރާލިކަމުގައި ކާމިޔާބީއެވެ. އަންހެން ކަނބަލުންގެ އެއްބާރުލެއްވުމާ އެހީތެރިކަމާއެކު އައްޑޫސިޓީއަށް އަދަށްވުރެ މާފަހި މާއުފާފާގަތި މާދަމާއެކެވެ” ދުވަހާއި ގުޅުވައިގެން ލަތީފް މިއަދު ދެއްވެވި މެސެޖްގައި ވިދާޅުވެފައިވެއެވެ.
އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މޭޔަރު ކަމުގެ މަގާމަށް ވާދަކުރައްވާ ލަތީފް މީގެ ކުރިން ވިދާޅުވެފައިވަނީ ވައުދުތައް ނުފުދި ނިކަމެތި ކަމުގައި އައްޑޫގެ ރައްޔިތުން ޒަމާންތަކެއް ހޭދަކޮށްފި ކަމަށެވެ. އޭނާގެ ކެމްޕޭންގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުން ބޭނުންވި ކަންކަމުގެ މައްޗަށް 100 ދުވަހުގެ ޕްލޭނެއް އެކުލަވައިލައްވާފައިވާ ކަމަށެވެ.،
ލަތީފް ގެ އިތުރުން އިތުރު 2 ކެންޑިޑޭޓަކު މި އިންތިޚާބުގައި އައްޑޫސިޓީގެ މޭޔަރު ކަމުގެ މަގާމަށް ވާދަ ކުރައްވަވައެވެ.