English Edition
Dhivehi Edition

އައްޑޫސިޓީއަށް ގެންނަން ނިންމާފައިވާ އަސްތައް އެމްވީބޮންތި2ގައި މިރޭ އެ ސިޓީއަށް ގެނެސްފިއެވެ.

އެ ސިޓީއަށް އަސްތައް ގެނެސްފައި ވަނީ، އެސްޓީއޯގެ ޝިޕިންގ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ ބޯޓެއްގައެވެ. އެމްއެސްއެސް އިން ވަނީ، އެ އަސްތައް ރައްކާތެރިކަމާއެކު އައްޑޫއަށް ގެނެސްފައިވާ ކަމަށް ބުނެފައެވެ.

އައްޑޫ އަށް އަސްތަކެއް ގެނައުމަށް ނިންމާފައިވާކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ، އައްޑު އަށް އަސް ގެންނަން އުޅޭ ޒުވާނުންތަކާއި ހަވާލާދެއްވައި ނަޝީދު ވިދާޅުވީ ފަސް އަސް ގެނައުމަށް ޓަކައި އެގްރިކަލްޗާ މިނިސްޓްރީން ހޯދަން ޖެހޭ ހުއްދަތައް މިހާރު ހޯދާފައިވާ ކަމަށެވެ.

އައްޑޫއަށް ގެންނަ އަސްތައް ބެލެހެއްޓުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައި:ސަދަން ސްޓޭލިއަންސް ކުންފުނިން

އައްޑޫ އަށް އަސްތައް ގެނެއުމުގެ މަސައްކަތް ކުރި ސަދަން ސްޓޭލިއަންސް ކުންފުނިން ކުރި ޓުވިޓެއްގައި ބުނީ އަސްތައް ބޯޓަށް އެރުވުމުގެ ކުރިން އެ ތަކެއްޗަށް ބޭނުންވާ ވެޓިނަރީގެ ހިދުމަތާއި، ކާ ތަކެތި އަދި ބޭހުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރެވިފައިވާކަމަށް ސަދަން ސްޓޭލިއަންސް ކުންފުނިން ވަނީ ބުނެފައެވެ.