English Edition
Dhivehi Edition

އިއްޔެއަކީ އައްޑޫއަށް ޚާއްސަ ދުވަހެކެވެ. ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މީހުންއުޅޭ ރަށަކަށް ފުރަތަމަ ފަހަރަށް އަހެއް ގެނައި ސިޓީއަކަށް އައްޑޫވެ އެފަޚުރުވެރި ތާރީޚުން ޖާގައެއް ހޯދީއެވެ. އައްޑޫސިޓީގެ އަމިއްލަ ބަޔަކު ހިންގާ ސަދަން ސްޓެލިއަންސް ކުންފުނިން ގެނައި މިއަސްތަކަކީ ހަމަ ގައިމުވެސް އަމިއްލަ އުފަން ބިމުގައި ތިބެގެން އަސްދުއްވާލުމަށް ދިވެހިންނަށް ފަހިވި ފުރުސަތެކެވެ.

އައްޑޫއަށް އަސް ގެނައުމުގެ ހުއްދަ ލިބުނު ވާހަކަ ފުރަތަމަ އިވިގެން ދިޔައީ މަޖްލިސް ތެރެއިން ނެވެ. އައްޑޫ ސިޓީއަށް 5 އަސް ގެނައުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުއްދަދެއްވި ވާހަކައާއި އެއީ އައްޑޫ ރައްޔިތުންނަށްވެސް އަދި އެސިޓީއަށް ޒިޔާރާތްކުރާ ފަތުރުވެރިންނާއި މެހެމާނުންނަށްވެސް އެކަމުގެ ފައިދާ ކުރާނެ ފަދަ ގޮތަކަށް ގެނެވޭ އަސްތަކެއް ކަމަށް މަޖްލިސް ރައީސް ، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއެކު މީސް މީޑިއާގައި އެކި ގޮތްގޮތަށް އަހުގެ ބަޙުސް ފެށުނެވެ.

އައްޑުއަށް އަސް ގެންނަ ވާހަކާއި އެދުވަސްވަރު އައްޑޫގައި ބޭއްވި ބްރިޓިޝް ލޯޔަލްޓީ ޑައިވް އިވެންޓާއިއެކު މާމަޝްހޫރު ކަމެއް ހޯދި ޕައުންޑު އެތެރެވާ ވާހަކަ މަސްހުނި ކޮށްލައިގެންވެސް މީސްމީޑިއާގެ އެކި މަންސަ ތަކުގައި ބަޙުސް ފެށިގެން ދިޔައެވެ.

މާޒީގެ ފޮޓޯތައް ޕޯސްޓު ކުރުން

ފުރަތަމަވެސް އަހުގެ ވާހަކަ އަޑުއިވުމާއެކު އެއްބަޔަކު ހާވަން ފެށީ އެމީހުންގެ ފޮޓޯ އަލްބަމްތަކެވެ. ރާއްޖޭން ބޭރަށް ކުރި ދަތުރު ތަކުގައި އަހަށް އަރާނެގި ފޮޓޯ އަޕްލޯޑު ކޮށްފައި އައްޑޫއަށް އަސް ދުއްވަން ހިނގާށޭ ބުނެ ޖެހި ޕޯސްޓުތަކުގެ އަދަދު ގިނައެވެ.

މިއީ އެމްޑީޕީ އަސްތަކެއްތަ ނޫނީ ޕީޕީއެމް އަސްތަކެއްތަ؟

ރާއްޖޭގައި އޭރަކު އަލަށް ތަޢާރަފްވާ ކޮންމެ ޓްރެންޑެއްވެސް ސިޔާސީ ކޮށްލުމަކީ މިހާރުގެ ކުދީންނަށް އަދި މާމަޖާ ކަމެކެވެ. އަހުގެ ވާހަކައާއި އެކުވެސް ދެން އިވެންފެށީ ކޮންބަޔަކު ކީއްކުރަން ގެންނަ އަސްތަކެއްތޯބެލުމުގެ ވާހަކައެވެ. މިއީ ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް އައްޑޫގެ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއްބާވައެވެ. މި ބަޙުސްވެސް ހޫނުވާން ފެށުމުން ސަދަން ސްޓެލިއަންސް އިންވަނީ އެއީ ސަރުކާރާއި ގުޅުމެއްވާ އެއްޗެއްނޫންކަމަށާއި އެހެންކަމުން މިކަން ސިޔާސީ ނުކުރުމަށް އެދިފައެވެ.

ރާއްޖޭގައި އަސް ގެންގުޅެވޭނެ މާޙައުލެއް އެބައޮތްތަ؟

މިއީ އަނެއްކާވެސް ބޮޑު ސުވާލެކެވެ. ބަޔަކު ތަޢާރަފް ކުރަން މިއުޅެނީ ދިވެހިންނާއި ވަރަށް ބީރައްޓެހި އާކަމަކަށް ވުމުން އުފެދޭ ސުވާލުތައް ގިނަވާނެއެވެ. އެހެންކަމުން އަސް ގެނައުންމިއީވެސް އާކަމެކެވެ. އެއުޅެނީ ޖަންގައްޔެއްނެތް ތަނެއްގައި އަސްގެނެސް ގެން ބަނޑައް ޖައްސައި މަރާލާށެވެ. މިހޫނުގަދަ މާޙައުލުގައި އެތަކެއްޗަށް ދިރިނުއުޅެވޭނެ ކަމެވެ. އެންމެ ބާރަށް ދެކެވުނީ އަހަށް ބޭނުންވާ ފަރުވާ ދެވޭނެ ފަދަ ވެޓެރިނަރީ ޚިދުމަތެއް ރާއްޖޭގައި ނެތި މިއީ ކުރަން ހެޔޮވާވަރު ކަމެއްނޫންކަމުގެ ވާހަކަތަކެވެ. އަހުގެ ވެރިންގެ ޖަވާބު ވަނީ މިސުވާލުތަކަށް ލިބިފައެވެ.

ކަންބޮޑުނުވާށެވެ. މިމަސައްކަތުގެ އެންމެ ކުރީކޮޅުވަނީ މިސޮރުމެންގެ ކެއުމާއި ބޭސްފަރުވާއާއި ބެލެހެއްޓުމުގެ އިންތިޒާމް އައްޑޫގައި މެދު ނުކެނޑި ލިބޭނެ ގޮތަށް ގާއިމް ކުރެވިފައެވެ. އެކުންފުނިން އެންމެ އިސްކަމެއް ދެނީވެސް މިސޮރުމެންގެ ސިއްޙަތަށްކަން އެފަރާތުން ވަނީ ހާމަކޮށްފައެވެ. ބަޙުސަށް ނިމުންއެއައީތާއެވެ.

ވިޔަފާރިވެރިންގެ އިޝްތިހާރުތައް އަހާއި ގުޅުވާލުން

ސަދަން ސްޓެލިއަންސް އިން ގެނައި އަސްތައް އަރުވައިގެން އައި ބޯޓު އައްޑޫގެ ބަނދަރަށް ވަން ޚަބަރާއެކު އިއްޔެ މީސްމީޑިއާގައި ފެނިގެން ދިޔައީ އަދި މާތަފާތު ޕޯސްޓުތަކެކެވެ. އައްޑޫގެ މަޝްހޫރު ބައެއް ވިޔަފާރިތަކުން އަހަށް ޚިދުމަތްދޭން ތައްޔާރަށް އޮތް ކަމުގެ އިޝްތިހާރުތަކާއެކު އަނެއްކާވެސް އެއްބަޔަކު ހެއްވާލައިފިއެވެ. ރެސްޓޯރެންޓް ތަކުން އަހަށް ޚާއްސަ ޑިސްކައުންޓެއް ކަނޑައެޅިއިރު ފެންވަރު ރަނގަޅު ހެޔޮ އަގުގައި އަސް ދޮވެދީ މައްސަލަ ޙައްލުކޮށްދިނުމުގެ ހުރިހާ އިންތިޒާމެއް ގަރާޖުތަކުން ހަމަޖައްސަން ނިންމީއެވެ. ޓެކްސީސެންޓަރަށް ގުޅައިގެން އަހުގައި ދަތުރު ކުރަން އެދޭ ފަރާތްތަކަށް އަސްޓެކްސީގެ ފުރުސަތު ހުޅުވާލި ވާހަކަވެސް މަޖަލާއެކު މީހުން ޝެއަރ ކޮށް ހެދިއެވެ. މިއީ ސަމާސާއެއް ނަމަވެސް މިދަނޑިވަޅަށް ހަމަ އެކަށޭނަ ވާހަކަތަކެކެވެ.

ދޮންދީނާ މޮނިއުމެންޓް އިންތާ އަހެއް ބަހައްޓާފައި ހުންނަ ގޮތަށް ބަޔަކު ހަދާފައިވާ ފޮޓޯއެއް

އިތުރު ކަންބޮޑުވުންތަކެއް

މިހާރުއެވަނީ އައްޑުއަށް ގެނައި 3 އަހުގެ ފޮޓޯ މީހުންނަށް ފެނިފައެވެ. ބަލާބެލުމަށް ރީތި ނަލަ އަސްތަކެކެވެ. ބޯކިރުކޮޅެއްހާ ހުދު ސާފު ފަރި އަހެއް އެބައޮތެވެ. ދިހުންއަރާ ގަދަ ކަޅުކުލައިގައި އެއްއަސް އޮތްއިރު އޭތީގެ ބޯމަތިން ފެށިގެން ނޭފަތުކުރިއާއި ހަމަޔަށް ހުދުކުލައިގެ ރޮނގެއް އެބަހުއްޓެވެ. ދެންއޮތީވެސް އެހާ ޗާލު ގަދަ މުށިކުލައިގެ އަހެކެވެ. އޭތީގެ ބޯހުރީ ހުދުކުލައިގައެވެ.

މި3 އަހަށް ބަލާލުމުން ސައިޒުގެ ގޮތުން މާބިޔައެއްނޫނެވެ. ތިބީ އާދައިގެ ސައިޒެއްގައެވެ. މިވެސް ސަކަމިޒާޖުގެ ކުދިން އަޅައިގަތް ކަމެކެވެ. “އަސްލަން އާއި ޖިޔާ އާއި ސޯފީ” ގެ ނަމުން ނަން ދީފައިވާ މި 3 އަހަށް އެރުމުގެ ކުރިން ޑައިޓްކޮށް ލޫޅާފަތިވެލަން ޖެހޭކަމަށް އެކުދިން ބުނެއެވެ. އެވެސް އެންމެ ރަނގަޅު ގޮތެކެވެ. އަހަށް އަރާ ހިތުން ނަމަވެސް ހަށިގަނޑު ލޫޅާފަތިކޮށްލުމަށް މިކަން ބާރަކަށް ފުދެއެވެ.

މީގެ ކުރިން ރާއްޖޭގައި އަސް ގެންގުޅުނުތަ؟

މިއީ ތާރީޚު ދިރާސާ ކުރާ ފަރާތްތަކަށް ލޯހުޅުވާލަން ލިބުނު ސުވާލެކެވެ. މިއީ ރާއްޖެއަށް އަހެއް ގެނައި ފުރަތަމަ ފަހަރެއް ނޫނެވެ. ފޮޓޯއާއިއެކު މިކަމުގެ ޙަގީގަތް ތިލަކޮށްލަން ބައެއް ފަރާތްތަކުން މަސައްކަތް ފެށިއެވެ.

އަސްމަރުވިދުވަހުގައި

ރަސްގެފާނުންގެންވަޑައި

ލަސްކަރީން އެއްކުރައްވައި

ފަސްގަނޑު ކަނޑާލައްވަވައި

ފަސްކަފުނުލާ ހަދާފައްޔޭ

އަސްވަޅުލީ ރޮއެފައްޔޭ

މިރައިވަރު ހަނދުމަފުޅު ހުންނެވި ބޭފުޅަކު ޙިއްސާ ކުރައްވަމުން ހެންވޭރުގޭ މުޙައްމަދުދީދީ މާލޭގައި އަހެއް ދުއްވާ މަންޒަރުގެ ފޮޓޯއެއް ހިމެނުއްވިއެވެ. އެހެންކަމުން ރާއްޖޭގައި މީގެ ކުރިންވެސް އަސް ގެންގުޅުނުކަން މިކަމުން ހެކިދެއެވެ.

އައްޑޫއަށް އަސްގެނައުމުގެ ޚިޔާލަކީ ފޭދޫގެ ރައްޔިތެއްކަމަށްވާ މުޙައްމަދު އަދްލީލު މޫސާ ކުރެއްވި ޚިޔާލަކަށް ތަފާތު ކަމެއް ތަޖްރިބާ ކޮށްގެން އައްޑޫގެ ލޯކަލް ޓުއަރިޒަމަށް އިތުރު ކުރިއެރުމެއް ހޯދައިދިނުމުގެ މަޤްސަދާއެކު އޭނާގެ އެކުވެރި އަޙްމަދު ޢަޤްލީލާއި އެކު ކުރި ބުރަ މަސައްކަތެއްގެ ނަތީޖާއެވެ.

އަސް ދުއްވަން އައްޑުއަށް އަންނަން ބޭނުންވާކަން ހާމަކޮށް މީހަކު އެފްބީގައި ކޮށްފައިވާ ޕޯސްޓެއް

14000 އަކަފޫޓުގެ ބިމެއްގައި އަސް ގެންގުޅެވޭނެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވާއިރު އެފަރާތުން ދަނީ މިމަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ. މިހާރުވެސް އެތައް ބައެއްގެ ތަޢުރީފު އަސް ގެނައުމުގެ މިމަސައްކަތަށް އޮހެމުންދާއިރު އަގްލީލުއާއި އަދްލީލު ރައްޔިތުންގެ ކިބައިން އެދޭ ހަމައެކަނި އެދުމަކީ މިމަސައްކަތަށް ރައްޔިތުންގެ ލޯތްބާއި އެއްބާރުލެއްވުން ދެއްވުމެވެ.

މިހާރު އެންމެންވެސް އިންތިޒާރުކުރާނީ ނަލަނަލަ އައްޑޫގެ ހިތްގައިމު މާޙައުލުގައި ތިބެގެން އަސް ދުއްވުމުގެ ތެރެއިން ނަގާ ފޮޓޯ ތައް މީސްމީޑިއާއިން ފެނިގެންދާނެ ދުވަހަކަށެވެ. މިކަން ޙަގީގަތަކަށްވާން ދެން އިތުރު އިންތިޒާރެއް ކުރާކަށްނުޖެހޭނެއެވެ. އަސްތައް އެވަނީ އައްޑޫގެ ފަސްގަނޑަށް ގެނެވިފައެވެ.

 

 

1 ކޮމެންޓް
އައްޑޫކަލޯ
މާޗް 13, 2021
ރަންގަޅު ތާ. ޕައުންޑް ބޯކޮށް އޮހެނީ އަހަށް ސަވާރުވެގެން ރައްޔިތުން އުފަލުން ދުއްވަނީ. ހިތަށް އެރީ މީ ހަމަ ސީދާ "ދެބޯ ގެރި ދުއްވުމޭ." ރައްޔިތުން މާޔޫސްވެފައި. އަތޮޅުގެ ދެ ރިޒޯރޓް ބަންދުވެފައި. ކޮވިޑް ގެ ބިރުން ތަނަކަށް ދާ ކަށެއް ނުކެރޭ. ރިޒޯރޓް ތަކުން މުސާރަ ނުދީ ފޮނުވާލި އެތަކެއް ރައްޔިތުން ބިކަވެފައި. އަދިވެސް އަހޭ ... ކިޔާގެން ރައްޔިތުްން ގެ ފޯކަސް ގެއްލުވާލަން ފައި ވިއްދާފައި.