English Edition
Dhivehi Edition

އައްޑޫ ސިޓީ އަށް ގެންނަ އަސްތައް ރަނގަޅަށް ބަލަހައްޓާނެ ކަމުގެ ޔަގީންކަން، އަސްތައް ގެންނަ ފޭދޫގެ ސަދަން ސްޓޭލިއަންސް ކުންފުނިން ދީފިއެވެ.

މިދިޔަ އަހަރު އޮކްޓޯބަރުމަހު އައްޑޫ އަށް އަސްތައް ގެންނަން ނިންމާފައިވާކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރުމާއެކު ގިނަ ބަޔަކުވަނީ މިއީ ނުވާނެކަމެއް ކަމުގައި ބުނެފައެވެ. އަދި އަސްތައް ގެނެވުނު ނަމަވެސް މި ތަކެތި ރަނގަޅަށް ނުބެލެހެއްޓި ދާނެކަމަށް ބުނެ ގިނަ ބަޔަކުވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންތައްވެސް ފާޅުކޮށްފައެވެ.

މި ކަންބޮޑޫވުންތަކަށް ޖާވާބު ދެމުން އަސްތައް ގެނެއުމުގެ މަސައްކަތް ކުރަމުންދާ ސަދަން ސްޓޭލިއަންސް ކުންފުނިން ކުރި ޓުވިޓެއްގައި ބުނީ އަސްތައް ބޯޓަށް އެރުވުމުގެ މާކުރިން ވެސް އެ ތަކެއްޗަށް ބޭނުންވާ ވެޓިނަރީގެ ހިދުމަތާއި، ކާ ތަކެތި އަދި ބޭހުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރެވިފައިވާކަމަށް ސަދަން ސްޓޭލިއަންސް ކުންފުނިން ވަނީ ބުނެފައެވެ.

އައްޑޫ އަށް ގެންނަ އަސްތައް އެސްޓީއޯ ބޯޓަށް މިހާރު އަރުވާފައިވާއިރު، ސަދަން ސްޓޭލިއަންސް ކުންފުނިން މި އަސްތައް މިއަދު ނޫނީ މާދަމާ އައްޑޫއަށް ގެނެވޭނެކަމަށް ބުނެފައެެވެ. އަދި މިއީ ވަރަށް ގިނަ ދުވަސްތަކެއްގެ އިންތިޒާރެއްކަމަށާއި ވަރަށް ބުރަ މަސައްކަތާއި ގޮންޖެހުންތައް ކުރިމަތިވިކަމެއްކަން ފާހަގަކުރަމުން ސަދަން ސްޓޭލިއަންސް ކުންފުނިން ވަނީ މި ކަމުގައި ސަރުކާރުން ހާއްސަކޮށް އައްޑޫ ސިޓީ ކައުންސިލާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މިނިސްޓަރ ޒަހާ ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

އައްޑޫ އަށް އަސްތަކެއް ގެނައުމަށް ނިންމާފައިވާކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ، އައްޑު އަށް އަސް ގެންނަން އުޅޭ ޒުވާނުންތަކާއި ހަވާލާދެއްވައި ނަޝީދު ވިދާޅުވީ ފަސް އަސް ގެނައުމަށް ޓަކައި އެގްރިކަލްޗާ މިނިސްޓްރީން ހޯދަން ޖެހޭ ހުއްދަތައް މިހާރު ހޯދާފައިވާ ކަމަށެވެ.

އިތުރަށް އެ މަނިކުފާނު ވިދާޅުވީ އައްޑޫ އަށް ގެންނަ އަސްތައް މުނިފޫހިފިލުވުމަށާއި ކުޅިވަރަށް ދުއްވޭނެ ކަމަށާއި އެއީ ވަރަށް ޝައުގުވެރި ކުރުވަނިިވި އަދި އަޖުމަ ބަލަން ރަނގަޅު މަޝްރޫއެއް ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

1 ކޮމެންޓް
ރަދީފް
މާޗް 6, 2021
އަހުން ޑިއުޓީ ނަގަތާ؟؟ ނަގަނީ ކިތައް ޕަސެންޓް؟ ސަދަން ސްޓޭލިއަންސް މީ ކޮން ބައެއް؟؟ މިހިރީ ހައްތާވެސް ރަނގަޅު ނޫސްވެރިއެއްނަމަ ލިޔުމުގަ ހިމަނާނެކަކަން.