ބާރު ސްޕީޑްގައި ސައިކަލް ދުއްވުމަކީ ޒުވާނުން ވަރަށް ކުރާހިތްވާކަމެކެވެ. ވަކިން ޚާއްޞަކޮށް އެހެންމީހުންގެ ސަމާލުކަން ލިބޭފަދަ ގޮތްގޮތަށް އަޑުއަޑު ލައްވަމުން ބާރު މިނުގައި ބަނޑިބަނޑި ލައްވަމުން ދުއްވޭނަމަ އަދި ވަކިން މޮޅުވީއެވެ. ނަމަވެސް މިފަދަ ގިނަ ދުއްވުން ތަކުގެ އާޚިރު ނަތީޖާއަކަށް ވެފައި އޮންނަނީ ތިމާގެ ފުރާނައަށް ނުރައްކާވާފަދަ ބޮޑު ހާދިސާއަކާއި ކުރިމަތިލުމެވެ.
އައްޑޫސިޓީގެ ލިންކު ރޯޑުގައި ސައިކަލް ދުއްވުމުގެ ގަވާއިދުތަކުގެ ތެރޭގައި ހެލްމެޓް އަޅައިގެން ދުއްވުން އެއީ މަޖުބޫރު ކަމެކެވެ. ވާޖިބު އަދާ ކޮށްލުމުގެ ގޮތުން ބައެއްމީހުން އަޅާ ހެލްމެޓް ތަކަކީ ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ކުރާއިރު އަޅާފަދަ ހެލްމެޓެވެ. ގިނަ މީހުންނަށް މި ގަވާއިދަކީ ތުރާލަކަށް އޮންނަނީ ވެފައެވެ. ރޭގަނޑު އަނދިރިކަމުގައި އެމަގުން ދުއްވާއިރު ބައެއް މީހުން ހެލްމެޓް ނާޅައެވެ. އެގަޑީގައި ފުލުހުންނަށް ފެނުން ފަސޭހަ ނުވާނެތީއެވެ. ނަމަވެސް ތިމާގެ ފުރާނައިގެ ރައްކަލަކަށް ހެދިފައި ހުންނަ ގަވާއިދުތަކަށް ފުލުހުން ފާރަލާތޯ ބަލާކަށް ނުޖެހޭނެއެވެ.
މިހާތަނަށް އައްޑޫސިޓީގައި ހިނގާފައިވާ ނުރައްކާތެރި މަގުމަތީގެ އެކްސިޑެންޓްތަކުގައި ދުނިޔެ ދޫކޮށްފައިވާ ގިނަ މީހުންނަކީ ބޮލަށް ލިބޭ ސީރިއަސް އަނިޔާގެ ސަބަބުން މަރުވެފައިވާ މީހުންނެވެ.
ކާރު ދުއްވާމީހާއަށް ގިނަ ފަހަރަށް އެކްސިޑެންޓްތަކުގައި މާ ބޮޑު އަނިޔާއެއް ނުވިނަމަވެސް ސައިކަލް ގައި ދާ މީހާއަށް އެފަދަ ސަލާމަތްތެރިކަން ސައިކަލުން ހޯދައި ނުދެވެއެވެ. ހަމައެކަނި ސަލާމަތްތެރިކަމެއް ހޯދައިދެނީ ބޮލުގައި އަޅާފައި އޮންނަ ހެލްމެޓުންނެވެ. ސައިކަލުން ވެއްޓި ބިންމަތީގައި ޖެހޭއިރު ރަނގަޅު ހެލްމެޓެއް އަޅައިގެން ހުރިނަމަ ބޮލަށް ލިބޭ އަނިޔާ ކުޑަވެގެންދެއެވެ.
ގިނަ އެކްސިޑެންޓްތަކުގައި ސައިކަލް ދުއްވާ މީހުންނަށް އެންމެ ބޮޑަށް އަނިޔާވަނީ ބޮލާއި ސިކުނޑިއަށެވެ. ނަމަވެސް ރަނގަޅު ފެންވަރުގެ ހެލްމެޓް އަޅާނަމަ މި ބިރުވެރިކަމުން ތިމާ ސަލާމަތް ކޮށްދޭނެއެވެ.
ނެޝަނަލް ހައިވޭ ޓްރެފިކް ސޭފްޓީ އެޑްމިނިސްޓްރޭޝަނުން 2012 ވަނަ އަހަރު ކުރި ދިރާސާ ރިޕޯޓްގައި ވާގޮތުން ހެލްމެޓް ބޭނުންކުރުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓް ތަކުގައި 1,699 ގެ ފުރާނަ ސަލާމަތް ވެފައިވެއެވެ، އަދި 2008 އިން 2010 އަހަރުގެ ރިޕޯޓްގައި ބުނާ ގޮތުން މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓް ތަކުގައި މަރުވި 14،283 މީހުންގެ ތެރެއިން %42 އިންސައްތަ މީހުންނަކީ ހެލްމެޓް ނާޅާ ސައިކަލް ދުއްވިމީހުންނެވެ. އެމީހުންގެ ދިރާސާތަކުން ދެއްކި ގޮތުގައި އާދައިގެ ކުދިކުދި އެކްސިޑެންޓްތަކުގައި ވެސް ބޮލަށް ލިބޭ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި އޮންނަން ޖެހުމާއި އެކްސިޑެންޓްގައި ލިބޭ ގެއްލުމަށް ބޭސްފަރުވާ ހޯދުމަށް ގިނަ ޚަރަދުތައް ކުރަން ޖެހުމުގެ އިތުރުން އެކްސިޑެންޓްތަކުގައި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ލިބޭ އަނިޔާއަށް ވުރެ ބޮލަށް ލިބޭ ޒަަޚަމްތައް ރަނގަޅުވެ މީހާ ފިޓްވުމަށް ގިނަ ދުވަސް ނަގާކަމަށް ވެއެވެ. އެހެންކަމުން މިފަދަ ގެއްލުން ތަކުން ރައްކާތެރިވުމަށް ވެސް ހެލްމެޓް އަޅަން ޖެހެއެވެ.
ލިންކް ރޯޑުގައި ބާރު ސްޕީޑްގައި ސައިކަލް ދުއްވަމުންދާއިރު ހެލްމެޓްގެ ސަބަބުން ތިމާގެ މޫނާއި ދެލޯވެސް ސަލާމަތް ކޮށްދެއެވެ. ކުދިކުދި އުދުހޭ ސޫފިތައް އައިސް މޫނަށް ހަމަލާ ދިނުމާއި ލޮލަށް އެފަދަ އެއްޗެއް ވެއްޓުމުން ދުރުކޮށްދެއެވެ. ހަަމަ އެއާކު މޫސުމް ގޯސް ދުވަސްވަރެއް ނަމަ ގަދަ ވަޔާއެކު އަންނަ ކުނިބުންޏާއި މަގުމަތީގެ ހިރަފުހުން ދެލޮލާއި މޫނު ރައްކާތެރިކޮށްދެއެވެ.
ހެލްމެޓް އަޅަން ޖެހެނީ ފުލުހުން ތިމާ ހިފަހައްޓައި ޖޫރިމަނާ ކުރާނެތީއެއް ނޫނެވެ. ހެލްމެޓް އަޅަންވީ ތިމާގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. ތިމާއަށް އަނިޔާއެއް ލިބުމުން އެކަމާއި ދެރަވާނެ އަދި ތިމާދެކެ ލޯބިވާނެ މީހުން ތިބީމައެވެ!