މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ފުރާނައެއް ގެއްލިގެން ދިއުމަށް ނަގަނީ ހަމަ ހިނދުކޮޅެވެ. މަޖަލުގައި، ބާރު ސްޕީޑުގައި އަޑުއަޑު ގޮއްވަމުން ދުއްވާފައި ދާއިރު ދެން ކުރިމަތިލާން ޖެހޭނީ ކޮންފަދަ ކަމަކާ ކަމެއްވެސް ޚިޔާލަކަށް ނުގެނެވޭނެއެވެ. ދުއްވާފައިދާ އުޅަނދެއްގައި ތިމާ ނެތް ކަމުގައި ވިޔަސް އެފަދަ އުޅަނދެއް ދާ މަގުމަތިވެސް ތިމާއަށް ރައްކާތެރިކަން ކަށަވަރު ކޮށެއް ނުދެއެވެ. ބާރު ސްޕީޑުގައި ދާ ސައިކަލް ނުވަތަ ކާރު ނުވަތަ ބަސް، ކޮންޓްރޯލުން ނެއްޓި މަގު ހިނގާފައިދާ މީހާ އޭގެ ޝިކާރައަކަށް ވުމަކީ ވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ހިނގާފައިވާ ހިތާމަވެރި ހާދިސާތަކެވެ.
ރައްޓެއްސެއްގެ ޕާޓީއަކަށް ގޮސްފައި އެނބުރި ގެއަށް އަންނަ މަގުމަތީގައި ނުވަތަ ތިމާ ލޯބިވާ ކުއްޖާގޮވައިގެން ދުއްވާލަން ދާ މަގުމަތީގައި ދާން ބޭނުންވާ ތަނަށް ނުދެވި ފުރާނައިން އަތް ދޮވެލަން ޖެހޭ ފަހަރު ފެންނަނީ މަދެއްކޮށެއް ނޫނެވެ.
ނުރައްކާތެރި ބަލިތަކުން މީހުންގެ ފުރާނަ ސަލާމަތް ކުރަން ވެކްސިން ތައްޔާރުކޮށްފައިވީ ނަމަވެސް މަގުމަތީގައި ދިމާވާ ހާދިސާތަކުގައި މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް ދެވޭނެ ވެކްސިނެއް ނެތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތަކުގައި އެވްރެޖް ގޮތެއްގައި ކޮންމެ 23 ސިކުންތަކުން އެއްފަހަރު މީހަކު މަރުވަމުން ދާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. މިކަމާ ގުޅޭގޮތުން ތަފާތު އެކި ފޯރަމް ތަކުގައި ވާހަކަ ދެކެވި ބަހުސްތައް ކުރެވެއެވެ. ނަމަވެސް ނަތީޖާ ފެންނަގޮތެއް ނުވެއެވެ.
ޑަބުލިޔުއެޗް އޯގެ 2018 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2016 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.35 މިލިއަން މީހުން މަގުމަތީގެ އެކްސިޑެންޓް ތަކުގައި ވަނީ މަރުވެފައެވެ. މިއީ އޭގެ 3 އަހަރު ކުރިއާ އަޅާބަލާއިރު ލައްކައެއްހައި ގިނަ އަދަދެކެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މަގުމަތީގެ އެކްސިޑެންޓްތައް ގިނައީ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކުގައެވެ. މީގެ ސަބަބުތައް ބައިވަރެވެ. ފުރަތަމަ ކަމަކަށް ވެފައި އޮންނަނީ މަގުތައް ހެދިފައިވާ ގޮތާއި ހެދިފައިވާ ގަވާއިދު ތަކަށް އަމަލު ނުކުރުމެވެ. ހަމަ އެއާއެކު މަގުމަތީގެ ސަލާމަތާ ބެހޭ ގޮތުން މީހުން ހޭލުންތެރިވެފައިވާ މިންވަރު ކުޑަކަމެވެ. މީގެ އިތުރުން އުޅަނދުތަކުގެ ސަލާމަތީ ފެންވަރު ދަށްވުމެވެ. އުޅަނދު އެތެރެކުރުމުގައި މިންގަނޑެއް ނެތުމެވެ.
ރާއްޖޭގެ އާބާދީ ގާތްގަނޑަކަށް 4 ލައްކައާ ގާތް ކުރާއިރު ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ އަދަދު މިހާރުވެސް އެއްލައްކައަށް އަރައެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ރިޕޯޓްތައް ދައްކާގޮތުގައި މިދިޔަ އަހަރު މުޅިން އަލަށް 11،319 އުޅަނދު ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. އެގޮތުން އެންމެ ގިނައިން ރަޖިސްޓްރީ ކޮށްފައި ވަނީ ސައިކަލެވެ.
“މަގުމަތީގެ އެކްސިޑެންޓްތައް ގިނަ ވަނީ ހެދިފައިވާ ގަވާއިދުތައް ތަންފީޒު ނުކުރާތީ. ބާރު ސްޕީޑްގައި ދުއްވުން މަނާ. އެކަމަކު އެގޮތަށް ދުއްވަން ބޭނުން މީހުން ހަމަ ބޭނުން ވަރަކަށް ދުއްވަމުން އެދަނީ. ފިޔަވަޅެއް ނޭޅޭ. ބެލޭކަށް ނޯވޭ.” މިއީ އާންމުކޮށް އިވޭ އަޑުތަކެވެ.
އާންމު ގޮތެއްގައި ބާރު ސްޕީޑުގައި ސައިކަލް ދުއްވާތަން ފެންނަނީ ފުރާވަރުގެ ޒުވާން ކުދިންނެވެ. އެކުދިން އެގޮތަށް ދުއްވަނީ ގިނަ ފަހަރަށް އެމީހުންގެ ގަދަކަން ދައްކާލުމަށެވެ. ނުވަތަ އެހެން މީހުންގެ ސަމާލުކަން ހޯދުމުގެ ނިޔަތުގައެވެ. ނަމަވެސް ގިނަފަހަރަށް މިފަދަ ކުދިން އެ ބޭނުންވާ ގޮތަށް ކަންތައްތައް ވުމުގެ ބަދަލުގައި ކުރިމަތިލާން ޖެހެނީ ފޫނުބެދޭ ވަރުގެ ހިތާމައާއެވެ.
މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ބެހޭ ގޮތުން ޒުވާނުން ހޭލުންތެރިކުރަންވީއެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް މިކަމުގެ މުހިންމުކަން އަންގައިދޭންވީއެވެ. ބެލެނިވެރިން އެމީހުންގެ ދަރިންނަށް ނަމޫނާ ދައްކަން ވީއެވެ. ސައިކަލް ދުއްވާއިރު ހެލްމެޓް އެޅުމުގެ މުހިއްމު ކަމާއި ހެލްމެޓް އަޅާ ބޭނުމާއި އަޅަން ޖެހޭނީ ކޮންކަހަލަ ހެލްމެޓެއް ކަމާމެދުގައެވެ. ކާރު ދުއްވާއިރު ސީޓް ބެލްޓް އެޅުމުން ލިބޭނެ ފައިދާތަކާ މެދުގައެވެ. މަގަކީ ތިމާގެ އަމިއްލަ އެއްޗެއް ނޫންކަމާއި އެމަގުގެ ބޭނުންކުރާ އެންމެންނަށް އެތަނަކީ ރައްކާތެރި ތަނަކަށް ހަދަން ޖެހޭނެ ކަން ޒުވާން ކުދިންނަށް ބުނެދީ ހަނދާންކޮށްދޭންވީއެވެ.
ތިމާގެ ސަބަބުން އެހެން މީހެއްގެ ފުރާނަ ގެއްލިގެން ދިޔަ ނުދީ ވޭތޯ މަސައްކަތް ކޮށް މަގަކީ އެންމެންގެ ތަނެއްކަމަށް ދެކި އެ މަގުގެ ބޭނުން ހެޔޮގޮތުގައި ހިފަން އާދަކުރަންވީއެވެ!