English Edition
Dhivehi Edition

ރައުހަތު ސްޕޯރޓްސް އެކެޑަމީ އާއި ސޮސައިޓީ ފޮރ ވާދޫ ޔޫތު އާއި ދެމެދު އެއްބަސްވެވޭ ފަހުމުނާމާ(ފނ){މެމަރެންޑަމް އޮފް އަންޑަރސްޓޭންޑިންގ}(އެމްއޯޔޫ) ގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ގދ. ވާދޫގައި ސްޕޯރޓްސް ޑިސިޕިލިން ޖެނެރޭޝަނެއް އުފެއްދުމާއި ވާފޫގައި ހުރި އިޖުތިމާއީ މައްސަލަތަކާއި ކުޅިވަރު ދާއިރާގެ ފެންވަރު ރަނގަޅުކުރުމަަށް ކުރެވެން ހުރި ކަންތައްތަކުގައި ރައުހަތު ސްޕޯރޓްސްގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ފަހުމުނާމާގައި ސޮއި ކުރުމަށްފަހު، މިއަދު އެރަށުގައި ކުރިއަށްގެންދިޔަ ސްޕޯރޓްސް ޑިސިޕިލިން ޖެނެރޭޝަން ޕްރޮގްރާމުގެ ދަށުން ބޭއްވުނު ސެޝަންތަކުގައި ކާއްޑޭ ސްޕޯރޓްސްގެ ރައީސް ހާތިމް، ކާއްޑޭ ސްޕޯރޓްސްގެ ނައިބު ރައީސް އަޙްމަދު މޫބިން އަދި ކާއްޑޭ ސްޕޯރޓްސްގެ ސްޕޯރޓްސް ޑިރެކްޓަރ އާދަމް ލަރީފް (ރޮނާ) ވަނީ ސެޝަންތައް ނަގައިދީފައެވެ. މީގެ އިތުރުން އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ތިނަދޫ ރީޖަނަލް ކޯޗް ރައުހަތު ގުދުރަތުﷲ ގެ ކޯޗިންގ ސެޝަންތަކެއްވެސް ކުރިއަށްގެންގޮސްފައި ވެއެވެ.

ސޮސައިޓީ ފޮރ ވާދޫ ޔޫތު އަކީ 2019 އަހަރުން ފެށިގެން ވާދޫގައި ޒުވާނުންނަށް އިޖުތިމާއީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ޒުވާނުން އެކިއެކި ދާއިރާތަކުން ބާރުވެރިކޮށް ކުރިއެރުން ހޯދައިދިނުމުގެ މަގްސަދިގައި އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ މަދަނީ ޖަމިއްޔާއެކެވެ.

ރައުހަތު ސްޕޯރޓްސް އެކެޑަމީ އަކީ ހިލޭސާބަހަށް އެތްލެޓިކްސް ދާއިރާއިން ދަރިވަރުން ތަމްރީންކޮށް ކުޅިވަރު ކުރިއަރުވަން މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެތްލެޓިކްސްގެ އިތުރުން އެހެނިހެން ކުޅިވަރުތަކަށް ފިޒިކަލް ފިޓްނެސް ޕްރޮގްރާމްތައް ވެސް އެ ޖަމްއިއްޔާއިން ކުރިއަށްގެންދެއެވެ. އެ ޖަމިއްޔާއިން ތަމްރީން ހާސިލްކޮށްފައިވާ ގިނަ އެތުލީޓުން ގައުމީ އެތްލެޓިކްސް ޓީމްގައި ހިމެނެއެވެ.