ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމިއްޔާގެ “ފޭސް އަލިގަދަ ތަރި ޤުރްއާން މުބާރާތް 1442” ފަށައިފިއެވެ.
ގދ. ފިޔޯރީ، ގދ. ރަތަފަންދޫ އަދި ގދ. ފަރެސްމާތޮޑާގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނު މި މުބާރާތުގެ ފުރަތަމަ ދަންފަޅީގެ ކިޔެވުން ފެށިފައި ވަނީ މިއަދު ހެނދުނު 08:00 ގައެވެ. އަދި މެންދުރު ގދ. ފިޔޯރީ ސްކޫލު ހޯލުގައި މި މުބާރާތް ރަސްމީކޮށް ފެއްޓުމުގެ ގޮތުން ބޭއްވި ޙާއްސަ ރަސްމިއްޔާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފިޔޯރީ ކައުންސިލް އިދާރާގެ ޑިރެކްޓަރ އަޙްމަދު އަޝްފާގެވެ.
މި މުބާރާތުގައި ފަރެސްމާތޮޑާ ދާއިރާގެ ގދ. ފިޔޯރީ، ގދ. ރަތަފަންދޫ އަދި ގދ. ފަރެސްމާތޮޑާ އިން ޖުމްލަ 67 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވާނީ ރާމިޒް އަބޫބަކުރު، މުޙައްމަދު ރަމީޒް އަދި ޙަޒްމާ ރަޝީދެވެ.
ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް ފެތުރުމުގެ މަޤްސަދުގައި، އެ ޖަމްއިއްޔާއިން ކޮންމެ އަހަރަކު ފިޔޯރީގައި ބާއްވަމުން އަންނަ މި މުބާރާތުގެ ކިޔެވުން މި އަހަރު ކުރިއަށް ގެންދާނީ މާރިޗް މަހުގެ 05 ވަނަ ދުވަހުން ފެށިގެން މާރިޗް މަހުގެ 08 ވަނަ ދުވަހާ ހަމައަށެވެ.
އުމުރުން 06 އަހަރާއި 16 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި މުބާރާތުގެ މުޅި މުބާރާތުން ވަނަވަނަ އަށް ހޮވޭ ދަރިވަރުންނަށް ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މުބާރާތުން 1 ވަނަ އަށް ހޮވޭ ދަރިވަރަކަށް އިނާމެއްގެ ގޮތުގައި 10،000 (ދިހަ ހާސް) ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.