English Edition
Dhivehi Edition
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އިމަރޖެންސީ ޑްރިލެއްގެ ތެރެއިން - ފޮޓޯ: އަޙްމަދު އަވްޝަން އިލްޔާސް (މިހާރު)

ރާއްޖޭގައި، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދައުލަތުން ކުރާ ޚަރަދު ތިން ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފެބްރުއަރީ 25 ގެ ނިޔަލަށް ކޮވިޑާ ގުޅުންހުރި ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިގްތިސޯދީ ކަންކަމަށް އެ މުއްދަތާއި ހަމައަށް 1.54 ބިލިއަން ވަނީ ހޭދަކޮށްފައެވެ.

މިހާތަނަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް 867.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ހެލްތު މިނިސްޓްރީން ވަނީ އެހެން މުޒާރާތަކާއި އިދާރާރަކަށްވުރެ ހަތަރު މިލިއަން ރުފިޔާ އިތުރަށް ހޭދަކޮށްފައެވެ. މި ގޮތުން މިނިސްޓްރީ އިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެ މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އެލަވެންސް ދިނުމަށެވެ. ފިނޭންސްގެ ހިސާބުތަކަށް ބަލާއިރު ހެލްތް މިނިސްޓްރީގެ މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 14.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެ މިނިސްޓްރީގެ ދަތުރުތަކަށް 11.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އިގްތިސޯދީ ދާއިރާ އިން ނުވަތަ އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންގެ ދާއިރާ އިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކޮވިޑް-19 ރިކަވަރީ ލޯން ސްކީމަށެވެ. މި ސްކީމަށް މިހާތަނަށް 1.15 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މި ގޮތުން އިންކަމް ސަޕޯޓުގެ ގޮތުގައި 273.9 މިލިއަން ރުފިޔާ އަދި ކަރަންޓު ބިލުތަކުގެ ޑިސްކައުންޓަށް 117.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މީގެ ތެރެއިން މިހާރު ހޭދަކުރަނީ ހަމައެކަނި އިންކަމް ސަޕޯޓަށެވެ.

މީގެ އިތުރުން އެމްއެންޑީއެފްގެ މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 24.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ފުލުހުންގެ މުވައްސަސާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮވިޑާ ގުޅިގެން ދޭ އެލަވެންސް ދިނުމަށް 27.4 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.