English Edition
Dhivehi Edition

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް އެތެރެވެވޭނީ ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހައިގެން ކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ.

ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓަރ ތައުފީގު އަލް-ރާބިއާ ސައުދީ އަރަބިއްޔާގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވެކްސިން ނުޖަހާ އެއްވެސް މީހަކަށް މައްކާ އާއި މަދީނާއަށް އެތެރެ ނުވެވޭނެ ކަމަށާއި ހައްޖުގެ އަޅުކަމަށް ތައްޔާރުވާނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުން ކަމަށެވެ.

2019 ވަނަ އަހަރު ޗައިނާގެ ވުހާން ސިޓީއިން ފެނުނު ކޮރޯނާވައިރަސްގެ ނުރައްކާ މުޅު ދުނިޔެއަށް ބޮޑުވެ، ގިނަ ގައުމުތަކުން ނިމިގެން ދިޔަ 2020 ވަނަ އަހަރު އެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު ސައުދީ އަރަބިއްޔާ އިންވެސް ވަނީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ، މި ގޮތުން މިދިޔަ އަހަރު ސައުދީ އަރަބިއްޔާ އިން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނީ ހަމައެކަނި އެގައުމުގައި ދިރިއުޅޭ މީހުންނަށެވެ.