English Edition
Dhivehi Edition
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު - ފޮޓޯ: މުހައްމަދު އައުޒަމް (ވަން އޮންލައިން)

ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތުގައި ގިނަ ދައުވާތަކެއް އުފުލާފައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރަން, ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަނަންނަން އެ ކޯޓުގެ ރެޖިސްޓްރާ ނިންމަވައިފި އެވެ.

ހައިކޯޓުން ބުނީ އެ މައްސަލަ ބަލައިނުގަންނަން ނިންމީ އިސްތިއުނާފު ކުރުމަށް އޮންނަ 48 ގަޑިއިރަށްވުރެ ފަހުން ޕީޖީ އޮފީހުން މައްސަލަ ހުށަހަޅާފައި ވާތީ ކަމަށެވެ. ނަމަވެސް ރަޖިސްޓްރާގެ ނިންމުން އިސްތިއުނާފުކުރަން ދައުލަތަށް ހަތް ދުވަސް ލިބޭނެ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ. އަދި އޭނާގެ ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ދޫކުރީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޖާމިނުކޮށްފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އަދި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއްވެސް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް އަންނާނެ އެވެ.