އައްޑޫ ހިތަދޫ އަޅަމުންދާ 264 ހައުސިން ޔުނިޓްގެ މަސައްކަތް ނިމި ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ތެރޭ ހައުސިންގް ޔުނިޓް ލިބޭ ފަރާތްތަކާ ހަވާލު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އައްޑޫގައި ހައުސިންގް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާ މަޝްރޫއުތައް ބައްލަވާލެއްވުމަަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ވަނީ އައްޑޫ ހިތަދޫ ފްލެޓް ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ. އެ ސަރަހައްދުގައި ހުންނަވާ، މީޑިއާ އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ގާތްގަނޑަކަށް އެއްކޮށްހެން ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ކުދި ކުދި މަސައްކަތްތަށް ކަމުގައެވެ. އަދި އޮކްޓޯބަރ މަސް ނިމުމުގެ ކުރިން މިނިސްޓްރީއާއި ހައުސިން ޔުނިޓްތައް ހަވާލުވެ ހައުސިން ޔުނިޓް ކުރިއަށް އޮތް ދެމަސް ދުވަސް ތެރޭ ބޭނުން ކުރަން ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ހައުސިންގް ޔުނިޓްތަކަށް ކުރިމަތި ލުމަށް މިއަހަރު ހުޅުވާލުމުން ވަރަށް ގިނަ ފަރާތްތަކުން ކުރިމަތިލާފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު ހަވާލު ކުރަންވީ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތްވެސް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށާއި ހައުސިން ޔުނިޓްތަށް ހަވާލު ކުރާނީ ދިރިއުޅުމުގެ ހާލަތަށް ބަލައި ފްލެޓްތައް ލިބުން އެންމެ އެކަށީގެންވާ މީހުންނަށް ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
ހިތަދޫގައި ޤާއިމް ކުރާ މި ހައުސިންގް ޔުނިޓްތަކަށް ފެނާއި ނަރުދަމާ ގުޅުމުގެ މަސައްކަތް ކުރިއަށް ދާއިރު މި މަަސައްކަތްވެސް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ފެނަކައިން ޔަގީންކަން ދެއްވާފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމިުގެ ޕްރޮގްރާމްގެ ދަށުން ސ. ހިތަދޫގައި 264 އަދި ހުޅުމީދޫގައި 48 ފްލެޓް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ ނެޝަނަލް މެޝިނަރީ އެންޑް އިކުއިޕްމެންޓް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ) އިންނެވެ. މިއީ މި ސަރުކާރުން މަސައްކަތް ފަށާ އަދި ހުރިހާ މަސައްކަތެއްވެސް މި ސަރުކާރުގެ ބެލުމުގެ ދަށުން ނިންމާ މަޝްރޫއެކެވެ.