English Edition
Dhivehi Edition
ފުވައްމުލައް ހޮސްޕިޓަލް - ފޮޓޯ: ފުވައްމުލައް ހޮސްޕިޓަލް

ފުވައްމުލަކުން އިތުރު 6 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެ އެސިޓީން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ ޢަދަދު 45 އަށް އަރައިފިއެވެ.

ފުވައްމުލައް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިރޭ ޢާއްމު ކުރި މަޢުލޫމާތުތަކަށް ބަލާއިރު އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބި މީހުންގެ އަދަދަކީ 25 އެވެ.

ފުވައްމުލަކުގައި މި ބަލިން 19 މީހަކު މިހާތަނަށް ރަނގަޅުވެފައި ވެއެވެ.

އެސިޓީން ކޮވިޑް-19 ގެ ފުރަތަމަ ކޭހެއް ފެނުނީ ދުބާއީގައި ހުރެފައި އެރަށަށް ކަރަންޓީނަށް ދިޔަ މީހެއްގެ ފަރާތުންނެވެ. އޭގެ ފަހުން އެސިޓީވެފައިވަނީ ޕޮޒިޓިވް ކޭސްތައް ގިނަވަމުން ދިއުމުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ބަލީގެ ނުރައްކާ އޮތް އެއް ސިޓީ ގެ ގޮތުގައެވެ.

ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ކުރެވޭ މަސައްކަތުގެ ދަށުން ފުވައްމުލަކުގައި މިއަދު ވަނީ 225 ސާމްޕަލެއް ނަގާފައެވެ. މިހާތަނަށް އެރަށުގައި 5423 ސާމްޕަލް ނަގާފައިވާއިރު އެރަށުން ނެގި ސާމްޕަލް ގެ ތެރެއިން 638 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑް ފެތުރެމުންދާތީ މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް ދަނީ ކާފިއުވެސް ހިންގަމުންނެވެ.

މީގެއިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމާއި، ފުވައްމުލަކުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަން އެދިފައިވެއެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، އެރަށުގެ ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.

އެއުސޫލުގައި ބުނެފައިވަނީ ފުވައްމުލަކުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، އެ ހިދުމަތް ދޭން ޖެހޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގައި މަތީން ކަމަށެވެ.

އަދި ފިހާރާތަކާއި ބޭންކު ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމާއި، ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.