އައްޑޫސިޓީގައި ކޮވިޑް 19 އަށް ޕޮޒިޓީވް ވި މީހުންގެ ޖުމްލަ ޢަދަދު 87 އަށް އަރައިފިއެވެ. މިރޭ އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ޢާއްމު ކުރި މަޢުލޫމާތު ތަކަށް ބަލާއިރު 87 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައި ވެއެވެ. އެއީ އިއްޔެ އާއި ހަމައަށް ޢާއްމު ކުރި ޢަދަދަށް ވުރެން 10 މީހުން ގިނަ ޢަދަދަކަށް ވާއިރު އޭއީއޯސީން ވިދާޅުވީ ޢަދަދު ދިމާކުރުމުގައި އެރި އޮޅުމަކުން 9 މީހަކު އުނިވެފައިވާތީ މިއަދު އެ 9 މީހުން ނާއި އަލަށް ޕޮޒިޓިވް ވި މީހާ ހިމެނުމުން ޖުމްލަ ޢަދަދު 87 އެރީކަމަށެވެ.
މިހާތަނަށް އައްޑޫސިޓީއިންޕޮޒިޓިވް ވި މީހުން ހިމެނެނީ އެމްޓީސީސީ ހުޅުމީދޫ ކްލަސްޓަރ އިން 35 މީހަކާއި އޭވިއޭޝަން ކްލަސްޓަރ ގެ 41 މީހެއްގެ އިތުރުން އަލަށް އުފެދުނު ހުޅުދޫމީދޫ ރެންޑަމް ކްލަސްޓަރ އިން 8 މީހަކާއި ހޯމްކަރަންޓީން ގައި ތިބި 2 މީހަކާއި އަދި ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.
އައްޑޫސިޓީގައި 4 މީހަކަށް ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އެބަދެއެވެ. މިރޭ އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ޢާއްމުކުރި މަޢުލޫމާތުތަކަށް ބަލާއިރު ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އަށް އައްޑުސިޓީން އެކަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. މިއަދު އަލަށް ޕޮޒިޓިވް ވީ ހުޅުދޫމީދޫ ރެންޑަމް ކްލަސްޓަރ އަށް ނިސްބަތްވާ މީހެކެވެ.
އައްޑޫސިޓީގައި ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދަކީ 47 އެވެ. މިހާރު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 40 އެވެ.
މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 455 މީހަކު ފާހަގަކުރެވިފައިވާ ކަމަށް އޭއީއޯސީން ވަނީ ހާމަކޮށްފަ އެވެ.
އެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދު ވަނީ 56 ސާމްޕަލް ނަގާފައެވެ. މިއަދަދާއެކު މިހާތަނަށް ނެގި ސާމްޕަލްގެ ޖުމްލަ ޢަދަދު 2962 އަށް އަރައެވެ. މިބަލީގެ ކޭސްތަކާއި ގުޅިގެން އައްޑޫސިޓީގެ 127 ތަނެއް ވަނީ ކަރަންޓީން ކޮށްފައެވެ.
ވޭތުވެދިޔަ 2 ހަފްތާއެއްހާ ދުވަހުގެ ތެރޭ އައްޑޫސިޓީ ފުރަބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކަށް މިހާރުވަނީ ލުއިދީފައެވެ. އެގޮތުން ހުޅުދޫމީދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގައި އިއުލާންކޮށްފައި އޮތް ކާފިއު އާއި އެހެނިހެން ފިޔަވަޅުތައް އުވާލާފައި ވެއެވެ. ހުޅުދޫމީދޫގައި ވަނީ އިތުރު 7 ދުވަހަށް ފިޔަވަޅުތައް ދަންމަން ނިންމާފައެވެ.