އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކޮންޓްރެކްޓާރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދަން ބަޔަކާ ހަވާލު ކުރަން ތައްޔާރު ވެފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޑރ. އިއްޒު އިއްޔެ އައްޑޫސިޓީއަށް ކުރެއްވި ޒިޔާރަތުގައި ހިތަދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ މަގުތައް ހެދުމަށް ބަޔަކާ ހަވާލު ކުރުމަށް މިނިސްޓްރީން ވަނީ ތައްޔާރު ވެފައި ކަމަށެވެ. އަދި އެކަން ކުރާނެ ބަޔަކުވެސް ހޯދާފައިވާ ކަމަށް މިނިސްޓާރ ވިދާޅުވިއެވެ.
މިނިސްޓރ ވިދާޅުވި ގޮތުގައި މިފަހަރުގެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ ރައްތަކުގެ ވެސް މަގުތައް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ކޮންމެ ރަށެއްގެ މި ޕްރޮޖެކްޓުގެ ދަށުން ތަރައްގީ ކުރަން ހަމަ ޖެހިފައިވާ ހުރިހާ މަގުތަކެއްގެވެސް ޑީޓެއިލް ޑިޒައިން ހަދަން ހަމަ ޖެހިފައިވާ ކަމަށް މިނިސްޓާރ ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫއުގެ އިތުރުން ސީޓީގައި ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމެއް ޤާއިމް ކުރުމަށް ވަނީ ނިންމާފައި ކަމަށާއި އެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ވަނީ ފިނޭންސަށް ފޮނުވާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އައްޑޫގެ މަގުތަކުގެ މައްސަލައަކީ ރައްޔިތުން ވަރަށް ބޮޑު ކަންބޮޑުވުން ތަކެއް ހުރި މައްސަލައެކެވެ. އެގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް މިނިސްޓަރަށް ވަނީ ހުށައާޅާފައެވެ. އައްޑޫގެ ލިންކްރޯޑުގައ އެކި ހިސާބުގައ ވަޅުގަނޑުތައް ހެދި ފައި ހުރުމާއި އަދި އަދި ވިއްސާރާގައި ރަށްރަށުގެ މަގުތަކުގެ ހާލަތް އަބަދުވެސް ގޯސް ވެފައި އޮންނަކަން ރައްޔިތުން ވަނީ ފާހަގަ ކުރައްވާ ފައެވެ. މި ކަންކަން ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީގެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަދި ދާއިމީ ހައްލެއް ލިބެންދެން މަރާމާތުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް އެބޭފުޅުން ވަނީ ޔަގީންކަން ދެއްވާފައެވެ.