ރައީސުލް ޖުމުހޫރީއްޔާ އަބްދުﷲ ޔާމީން، އައްޑޫ ސިޓީ ރައްޔިތުންން އަޅާ ދެއްވަން ނިއްމަވާފައި ފެންވަރުގެ ހޮސްޕިޓަލެއް ރައްޔިތުންނަށް ފޯރުކޮއްދެއްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫގައި ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުންދާ ޕްރޮޖެކްޓުތައް ބައްލަވާ ލެއްވުމަށް ހައުސިން މިނިސްޓަރު ޑރ. މުއިއްޒު، އައްޑޫގެ ރަށްތަކަށް ކުރެއްވެވި ޒިޔާރަތުގައި އިއްޔެވަނީ އިކުއިޓޯރިއަލް ކޮންވެޝަން ސެންޓަރުގައި އަޅަމުންދާ ހޮސްޕިޓަލްގެ މަސައްކަތް ބައްލަވާ ލެއްވުމަށް ޒިޔާރަތް ކުރައްވާފައެވެ. އެތަނުގައި ހުންނަވައި މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް އަޅާ ދެއްވަން ނިންމަވާފައިވާ ގޮތަށް އަދި އެ ފެންވަރުގައި ހޮސްޕިޓަލް އަޅާ ދެއްވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓްވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ ސިވިލް މަސައްކަތްތަކާ، ހޮސްޕިޓަލަށް ބޭނުންވާނެ މެޑިކަލް އިކުޕްމެންޓް ސަޕްލައި ކޮށް ހަރު ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެލިއާއިން ވަނީ ސިވިލް މަސައްކަތާ ހަވާލު ވެފައެވެ. އަދި މިހާރު އެތަނަށް ބޭނުންވާ މެޑިކަލް އިކުޕްމެންޓް އަދި އެހެނިހެން އިދާރީ ބޭނުންތަކަށް ބޭނުންވާ ސާމާން ސަޕްލައި ކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި މިއަންނަ އަހަރުގެ މޭއި މަހުގެ ނިޔަލަށް ދެ ބައި އެއްކޮށް ނިމި ހޮސްޕިޓަލް ބޭނުން ކުރެވެން ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ވިދާޅުވީ ގޮތުގައި މި ހޮސްޕިޓަލް ވެގެންދާނީ މިސަރަހައްދު އަދި ރާއްޖޭގައިވެސް ފާހަގަ ކޮއްލެވޭ ފެންވަރުގެ ހޮސްޕިޓަލަކަށް ކަމަށެވެ. އަދި މި ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދާ ގޮތް އެކަމަށް ހާއްސަ ޕްރޮޖެކްޓް މެނޭޖްމެންޓް ޓީމަކުން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށެވެ.
ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިނާ ލޯނުގެ އެހީގައި ، އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ކުރިއަށް ގެންދާ މި މަޝްރޫއަކީ 161.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.