English Edition
Dhivehi Edition

އަންހެނުން ބާރުވެރިކޮށް އެމީހުންގެ ހުނަރު އިތުރުކޮށް، އެއްބަޔަކު އަނެއްބަޔަކާ ގުޅުވައިދީ އަދި ބައިނަލް އަގްވާމީ ފެންވަރުގައި އަންހެނުން ތަމްސީލުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އުފައްދައިފައިވާ ސްރީލަންކާގެ ޖަމިއްޔާއެއް ކަމަށްވާ ވިމެން އިން މެނޭޖްމަންޓް (ވިމް)ގެ އެވޯޑަކީ ކުރަމުންގެންދާ މަސައްކަތަށް ލިބިގެން ދިޔަ އިތުރު ބާރެއް ކަމަށް ޖުވެއިރިއްޔާ ވަޖުދީ ވިދާޅުވެއްޖެއެވެ.

މިހާތަނަށް ރާއްޖެއާއި ރާއްޖޭން ބޭރުގައި ތަފާތު ލެވެލް ތަކުގެ މަތީ ކާމިޔާބީއާއި އެވޯޑް ހާސިލްކޮށްފައިވާ ޖުވޭ ވިދާޅުވީ އަންހެނުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ ޝަރަފްވެރި އެވޯޑެއް ލިބުމަކީ ޖުވޭގެ މަސައްކަތް، ބައިނަލް އަގުވާމީ ފެންވަރުގައި ވެސް ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

މިދިޔަ ޖުލައި މަހު ސްރީލަންކާގެ ތާޖް ސަމުދްރާގައި ބޭއްވި ރަސްމިއްޔާތެއްގައި ބޭއްވި ޚާއްޞަ އެވޯޑު ހަފްލާއަށް ފަހު ވިމް އިން ވަނީ ރޭ ރާއްޖޭގައި ވެސް އެ ހަފްލާގެ ޝަރަފުވެރިން ފާހަގަކޮށްފައެވެ.

ޖުވޭގެ އިތުރުން ރާއްޖޭގެ އަންހެން 2 ބޭފުޅަކަށް ލިބިގެން ދިޔަ މިއެވޯޑަކީ “ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާރ ވިމެން އެވޯޑްސް” ގެ ގޯލްޑް އެވޯޑެވެ. ރާއްޖޭއިން 10 ކަނބަލުން ނޮމިނޭޓްވި މި އެވޯޑަށް ނޮމިނޭޓްވާ ބޭފުޅުން އައިއެފްސީ އިން ސްކްރީންކޮށް ބެލުމަށްފަހު އެ ބޭފުޅުންނަކީ އެކަމުގެ ހައްގުވެރިންތޯ ބެލުމަށް ވޯލްޑް ބޭންކަށް ވެސް ފޮނުވާ އެކަން ޔަގީން ކުރެއެވެ. މި އެވޯޑް ޝަރަފްވެރި ސަބަބަކީ، ބައިނަލްއަގްވާމީ ފައިނޭންޝިއަލް އިންސްޓިޓިއުޓެއް ކަމަށްވާ ވޯލްޑް ބޭންކް ގްރޫޕުގެ މެމްބަރެއް ކަމަށްވާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ގެ ޕާޓްނާޝިޕާއެކު ދޭ އެވޯޑަކަށް ވާތީއެވެ.

“އަމިއްލަ ސިޓީން ބޭއްވި އެވޯޑު ހަފްލާގައި ޖުވޭ ބާކީ ކޮށްލި ނަމަވެސް ގައުމީ އަދި ބައިނަލް އަގުވާމީ ފެންވަރުގެ ލެވެލްގައި ޖުވޭގެ މަސައްކަތް ބަލައިގަނޭ. މިއީ ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތްތަކެއްގެ ނަތީޖާ” ޖުވެ ވިދާޅުވިއެވެ.

އައްޑޫސިޓީން މިއަހަރު ބޭއްވި “އައްޑޫސިޓީ އެވޯޑަށް” ކުރިމަތިލެއްވުމުން ޖުވޭއަށް އެވޯޑް ނުލިބުނު ނަމަވެސް ޖުވޭ އިންނެވީ އުފަލުންނެވެ. އަމިއްލަ ވަޒަނުގައި މަސައްކަތް ކުރައްވަން ނެތް ނަމަވެސް ޖުވޭގެ ޚިދުމަތް މުޅި ރާއްޖެއަށް ދެވޭކަމީ އެކަމާ ހިތްހަމަޖެހިލައްވަވާ ކަމެއް ކަމަށް ޖުވޭ ވިދާޅުވިއެވެ.

“އައްޑޫވިމެންސް އެސޯސިއޭޝަނުގެ ” ނައިބް ރައީސާ ކަމުގެ މަގާމުގައި ހުންނަވައިގެން އައްޑުއާއި ރާއްޖޭގެ އަންހެނުންނަށް ޚާއްޞަކޮށްގެން ގިނަ ޕްރޮގްރާމުތައް ހިންވަމުން ގެންދަވާ ޖުވޭއަކީ ކަނބަލުން ބާރުވެރިކުރުވާ އިޖްތިމާއީ އަދި އިގްތިޞާދީ ދާއިރާއަށް ނިކުންނެވުމުގައި ގިނަ ބުރަކޮށް މަސައްކަތް ކުރައްވަވާ ނަމޫނާ ކަނބަލެކެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ރެހެންދި އެވޯޑް ލިބިލެއްވެވި 2 ބޭފުޅުންގެ ތެރޭގައި ހިމެނިލެއްވި ޖުވޭއަށް މިފަހަރު ލިބިލެއްވެވީ އެމްޓަޕްރެނުއާ އޮފް ދަ އިޔާ މޯލްޑިވްސް ގެ އެވޯޑެވެ. މި ކާމިޔާބީ އާއެކު މަސައްކަތުގެ ހިތްވަރު އެތައް ގުނައަކަށް އިތުރުވެއްޖެކަމަށް ޖުވޭ ވިދާޅުވިއެވެ.