English Edition
Dhivehi Edition

(( (ވިމް) ގެ ގޮފިތައް ރާއްޖޭގައި އިފްތިތާޙް ކޮއްފިއެވެ

އަންހެނުން ބާރުވެރިކޮށް އެމީހުންގެ ހުނަރު އިތުރުކޮށް، އެއްބަޔަކު އަނެއްބަޔަކާ ގުޅުވައިދީ އަދި ބައިނަލަގްވާމީ ފެންވަރުގައި އަންހެނުން ތަމްސީލުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އުފައްދައިފައިވާ ސްރީލަންކާގެ ޖަމިއްޔާއެއް ކަމަށްވާ ވިމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ސްރީލަންކާގެ ސްޓޭޓް މިނިސްޓަރެއް ކަމަަށްވާ ސުދާޝިނީ ފަޑޮންޕުލީ އާއި ސްރީލަންކާގެ ވިމްގެ އެކްޒެކެޓިވްގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްއާއި ރާއްޖޭގެ ބައެއް އަންހެން ވިޔަފާރިވެރިންވެސް ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ރޭ ވިމް އިން ވަނީ ރާއްޖޭގައި އަންހެނުން ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޕްރޮފެޝަނަލް ކެރިއާ ވިމެން އެވޯޑްސްގެ ނަމުގައި ތިން ދާއިރާއަކުން ރާއްޖޭގެ ތިން ކަނބަލަކަށް އެވޯޑުދީފައެވެ. އެގޮތުން ބިޒްނަސް މޮޑެލް އޮފް 2017 ގެ އެވޯޑް ލިބުނީ ރާއްޖޭގެ އަންހެން ވިޔަފާރިވެރިޔާ ޝާއިރާ ސަލީމަށެވެ. ކެރިއާ ރޯލް މޮޑެލް 2017 ގެ އެވޯޑް ހާސިލްކުރެއްވީ އެމްޑީއޭގެ ނާއިބު ލީޑަރު އަދި ރަފީ ޖަމްއިއްޔާގެ ރައީސާ އައިޝަތު ރަފިއްޔާ އެވެ. އެންޓާޕްރަނަރުގެ އެވޯޑް ހާސިލްކުރީ ރާއްޖޭގެ މަޝްހޫރު ކެއްކުންތެރިޔާ ޖުވައިރިޔާ ވަޖުދީއެވެ.

މިއީ ރާއްޖޭގައި އަންހެނުންގެ ބައިނަލަގްވާމީ ކޮންފަރެންސެއް ބޭއްވުނު ފުރަތަމަ ފަހަރުކަމަށް ވިމް އިން ބުންޏެވެ.