English Edition
Dhivehi Edition
ފުވައްމުލައް ހޮސްޕިޓަލް ގައި ކޮވިޑް ޓެސްޓް ހަދަނީ: ފޮޓޯ ފުވައްމުލައް ހޮސްޕިޓަލް

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ޖެހިފައިވާ 2 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ފުވައްމުލަކުގެ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

އެ ސެންޓަރުން ހާމަކުރި ގޮތުގައި ފުވައްމުލަކުން މިއަދު ބަލިން ރަނގަޅުވި މީހުންނާއި އެއްކޮށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ މިހާރު 7 އަށް އަރައިފައެވެ.

މިއަދު އެ ސިޓީގައި ވަނީ އިތުރު 3 މީހަކު ބައްޔަށް ފައްސިވެފައެވެ. އެ ސެންޓަރުން މިހާރު ކުރިއަށް ގެންދަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި އިއްޔެ އިރުއޮއްސި 18:00 އިން މިރޭގެ 18:00 އަށް ފައްސިވެފައިވާ 3 މީހުންގެ ތެރެއިން 2 މީހުންނަކީ މިހާރުވެސް އެ ރަށުން ފައްސިވެފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގް އިން ފާހަގަކުރެވިފައިވާ 2 މީހުން ކަމަށެވެ. މީގެ އިތުރުން ފައްސިވެފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ފުވައްމުލަކުގައި ގާއިމުކޮށްފައިވާ ފްލޫ ކުލިނިކަށް ދައްކައި ޓެސްޓު ކުރެވުނު 12 އަހަރުގެ ކުއްޖެއް ކަމަށެވެ.

ފުވައްމުލަކުގައި މިއަދު ބައްޔަށް ޓެސްޓު ކުރުމަށް 91 ސާމްޕަލެއް ވަނީ ނަގައިފައެވެ. އެގޮތުން ނަގައިފައިވަނީ ފުވައްމުލަކުން އެހެން ރަށްރަށަށް ދަތުރު ކުރުމުގެ ކުރިން ދަތުރުކުރުމަށް ނަގައިފައިވާ 17 މީހެއްގެ ސާމްޕަލަކާއި، ފްލޫ ކުލިނިކަށް ދައްކައިގެން ޓެސްޓު ކުރެވުނު 3 މީހަކާއި ކޮންޓެކްޓް ޓްރޭސިންގް އިން ފާހަގަކުރެވިފައިވާ 70 މީހެއްގެ އިތުރުން ހޯމް ކަރަންޓީނު ނިންމާލި 1 މީހެއްގެ ސާމްޕަލެވެ. މިހާތަނަށް ނަތީޖާ ނުލިބި 144 ސާމްޕަލެއްވާ ކަމަށްވެސް އެ ސެންޓަރުން ވަނީ ހާމަކޮށްފައެވެ

ފުވައްމުލަކުގައި މިހާރު 36 މީހަކަށް ބަލި ޖެހިފައިވާއިރު ބަލީގެ އެކްޓިވް ކޭސްގެ ގޮތުގައި މިހާރު އުޅެނީ 28 ކޭސްއެކެވެ.